އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ކިޔައިފި އެވެ.
އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެއަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ޖުމްހޫރީ މައިދާނުގައި މިއަދު މެންދުރު އެވެ. އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް މުއިއްޒު އާއި ބޮޑު ވަޒީރު މޯދީ ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެމްއެންޑީއެފްގެ ބޭންޑުން ވަނީ ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފަ އެވެ.
ބޮޑު ވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ސްކޫލް ކުދިންގެ އައިޓަމެއް ކުރިއަށް ގެންދިޔަ އިރު އެމްއެންޑީއެފުން ވަނީ 21 ބަޑީގެ ވެދުމެއްވެސް އަރުވާފަ އެވެ.
މީގެ އިތުރުން ބޮޑު ވަޒީރު މޯދީ ވަނީ އެ މަނިކުފާނުގެ ޝަރަފުގައި އެރުވި ގާޑް އޮފް އޮނަރއެއް އިންސްޕެކްޓްކޮށްދެއްވާފަ އެވެ. އަދި ބޮޑު ވަޒީރު މޯދީ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފްއާއި ސްޕެޝަލް އެންވޯއީ ޓޫ ދަ ޕްރެސިޑެންޓް އަދި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން އާއި ކެބިނެޓުގެ ވަޒީރުންނާއި ސަލާން ކުރައްވާފަ އެވެ.
ޖުމްހޫރީ މައިދާނުގައި ކުރިއަށް ހަރަކާތްތަކަށް ފަހު އިންޑިއާގެ ބޮޑު ވަޒީރު ދެން ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މޯދީ ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަ އެވެ. ރައީސް އޮފީހުން މޯދީއަށް މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ.
ރައީސް އޮފީހަށް ވަޑައިގެން މޯދީ ވަނީ އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ. ދެން ކުރިއަށް އޮންނާނީ ދެ ގައުމުގެ ދެމެދުގައި ބާއްވާ މަޝްވަރާ ތަކާއި ދެ ގައުމުން ގުޅިގެން ނެރޭ ބަޔާން އިއްވުމެވެ.


