ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ސްރީލަންކާގެ ރައީސް ދިސާނަޔަކަ، ރާއްޖެއަށް ވަޑައިގަންނަވާނީ މިހިނގާ ޖުލައި މަހުގެ 28 އިން 30 އަށްކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒުއާއި، ލަންކާގެ ރައީސް ޑިސަނަޔަކަ އާއި ދެ ބޭފުޅުން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެގައުމުން އެކިދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަގެ މިދަތުރުފުޅަކީ، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 26 ޖުލައި 1965 ގައެވެ. މިއަހަރަކީ ރާއްޖެއާއި ލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ އަހަރެވެ.


