މިނިވަން ވިޔަފާރި އާއި ޔޫޕީއައިގެ ހިދުމަތް ފެށުން ހިމެނޭ ގޮތަށް އިންޑިއާއާ އެކު ރާއްޖެއިން މުހިންމު 8 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެއްބަސްވުންތައް ބަދަލުކޮށްފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ދެ ގައުމުގެ ރަސްމީ މަޝްވަރާ ބައްދަލުވުމަށް ފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެއްބަސްވުންތައް ބަދަލުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ހާޒިރުގަ އެވެ.
އެއްބަސްވުންތަކުގައި ސޮއިކޮށް ދެ ގައުމުން އެއްބަސްވުންތައް ބަދަލުކުރީ، އިންޑިއާގެ ފަރާތުން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އަދި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމަކާ ގުޅޭ ދާއިރާގެ މިނިސްޓަރުންނެވެ.
ރާއްޖެ-އިންޑިއާ އެއްބަސްވުންތައް:
1. ރާއްޖެ އާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރި ފެށުމަށް ރަސްމީ މަޝްވަރާތައް ފެށުމުގެ އެއްބަސްވުން.
2. އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ހަމަޖައްސައިދޭ 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުން.
3. އިންޑިއާ އިން ދީފައިވާ ލައިން އޮފް ކްރެޑިޓް ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިގޮތްތައް ހަމަޖެއްސުމަށް ވެވުނު އެއްބަސްވުން.
4. މަސްވެރިކަމާއި އެކުއަކަލްޗާގެ ދާއިރާއިން އެހީތެރިކަން ހޯދުމުގެ އެއްބަސްވުމެއް.
5. މޫސުމާއި ތިމާވެށީގެ ދާއިރާއިން އެހީތެރިކަން ހޯދުމުގެ އެއްބަސްވުމެއް.
6. ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާއަށް އެހީތެރިކަން ހޯދުމުގެ އެއްބަސްވުމެއް.
7. ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެނައުމަށް އިންޑިއަން ޕާމަކޯޕިއާ (އައިޕީ)އާ އެކު ހެދި އެއްބަސްވުން.
8. އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ރާއްޖޭގައި ފަށަން އެމްއެމްއޭއާ އެކު ހެދި އެއްބަސްވުން.


