އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ކުރުނބާ އައިލެންޑް ރިސޯޓްގައެވެ.
މި ބައްދަލުކުރެއްވުމުގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުން ޤާސިމް އިބްރާޙީމާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމްއާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދާއި އެ ޕާޓީ ތަމްސީލުކުރައްވާ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ބައިވެރިވެވަޑައިގަތެވެ.
މީގެއިތުރުން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ކުރީގެ ދިފާޢީ ވަޒީރު މާރިޔާ މުހައްމަދު ދީދީ ވެސް ވަނީ މޯދީއާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ، ދިވެހިރާއްޖޭގެ އެކި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމަކީ ވަރަށް އަގުހުރި ބައްދަލުކުރެއްވުމެއް ކަމަށެވެ. ސިޔާސީ ދާއިރާގެ އެކި ލީޑަރުންގެ ބައިވެރިވުމަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ވަރުގަދަ އަދި ތާރީޙީ އެކުވެރިކަމުގެ ގުޅުމަށް ދެފަރާތުން ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށާއި ދެ ޤައުމުން ޙިއްސާކުރާ އަސާސްތަކުން މި މުހިންމު ގުޅުމަށް އެހީތެރިވެދޭނެކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
ބޮޑުވަޒީރު މޯދީ މިއަދު ވަނީ ރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފްގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އާ ވެސް ބައްދަލުކުރައްވާފައެވެ.
ރާއްޖެ ވަޑައިގެން މޯދީ އިއްޔެ ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު ރަސްމީ ބައްދަލުވުންތައް ބާއްވަވައި ގިނަ އެހީތަކެއް ރާއްޖެއަށް ފޯރު ކޮށްދެއްވައިފައެވެ. މިއަދު ފާހަގަ ކުރާ ރާއްޖޭގެ 60 އަހަރުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ހަވީރު އޮންނަ ޕެރޭޑު ވެސް މޯދީ ބައްލަވާލައްވާނެއެވެ. އެއަށް ފަހު މޯދީ މިއަދު އެނބުރި އިންޑިއާއަށް ދިއުމަށް ފުރާވަޑައިގަތުމަށް ވަނީ ނިންމަވައިފައެވެ.


