އާ ޓާމިނަލްގައި ކުރީގެ ސަރުކާރުތަކުގެ ދައުރު ފާހަގަކުރައްވައި، ޔާމީނާއި އިބޫ އަށް ރައީސްގެ ޝުކުރު

ޚަބަރު ފަހުގެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތުގައި ކުރީގެ ސަރުކާރުތަކުން އަދާކުރި ދައުރު ފާހަގަކުރައްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހާއްސަ ޝުކުރެއް އަދާކުރައްވައިފި އެވެ.

ހަތަރުސަތޭކަ ފަންސާސް ހަތް މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވަން އެއާޕޯޓުގައި ބޭއްވި ކުލަގަދަ ހަފުލާގައި ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި އެ ޓާމިނަލްގެ މަސައްކަތް ފެށީ ޔާމީންގެ ސަރުކާރުގަ އެވެ. އަދި އިބޫގެ ވެރިކަމުގައި ވެސް އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“…މި މަސައްކަތް ފެށިގެން އައީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމުގައި ވާތީ އެ މަނިކުފާނަށާއި އެ އަށް ފަހު ދެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވާތީ މި ދެ ރައީސުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،” ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރު ހަވާލުވިއިރު، އާ ޓާމިނަލްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ދުވެއްޔާއި އެހެން ކަންކަމަށް ބަލާއިރު، މަސައްކަތް ނިމިފައިވާ މިންވަރުގެ ތަފްސީލަށް ވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.

ނަމަވެސް، ރައީސް މުއިއްޒުގެ ވާހަކަފުޅުގެ ކުރިން އެ ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވި ގޮތުގައި، މި ސަރުކާރު ހަވާލުވި އިރު، އާ ޓާމިނަލްގައި ނިމިފައިވަނީ އެންމެ 30 ޕަސެންޓު މަސައްކަތެވެ.

އަދި މި ސަރުކާރުން އެންމެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި 70 ޕަސެންޓު މަސައްކަތް ނިންމައި، އާ ޓާމިނަލް މިރޭ ހުޅުވީ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ރައީސް ވަނީ ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ނިންމުމަށް، ސައުދީ ފަންޑާއި ކުވައިތު ފަންޑާއި އަބޫދާބީ ފަންޑުގެ އިތުރުން އޯޕެކް ފަންޑުން ފޯރުކޮށްދިން މާލީ އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ