ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ކޯޓު އިމާރާތް ހުޅުވައިފިއެވެ. މި އިމާރާތް ރަސްމީކޮށް ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ހުޅުމާލެ ފޭސް އެކެއް، ޓްރީޓޮޕް ހޮސްޕިޓަލުގެ ކައިރީގައި ތަރައްޤީކޮށްފައިވާ މި އިމާރާތުގައި ދެ ކޯޓެއް ޝަރީޢަތްތައް ކުރިއަށް ގެންދަން ވަސީލަތްތައް ވަނީ ޤާއިމްކޮށްފައެވެ. ޖަސްޓިސް ބިލްޑިންގް އެނެކްސްއެއް ގޮތުގައި ހުޅުމާލޭގައި ހުޅުވި މި އިމާރާތުގައި ހިންގާނީ ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓެވެ.
މި އިމާރާތް ރަސްމީކޮށް ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. އަރިހުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛް އަމްޖަދު މުސްތަފާއާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި ޖޫޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް ހުސެއިން ރިޒާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން މަޤާމުން ރިޓޔަރ ކުރެއްވި، ނ.ޢ.ޢ.ވ އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާނު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ. ފިލާ ޙަވާލުކޮށްދެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛް އަމްޖަދު މުސްތަފާއެވެ.
ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ ދިގުލައިގެން ދިއުންކަމުގައި، މިއަހަރުގެ ރިޔާސީ ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. މިއާއެކު ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މިވަގުތު ހުޅުމާލޭގައި ކްރިމިނަލް ކޯޓުވެސް ހިންގަމުންދާއިރު، އައު ސޫޕިރިއަރ ކޯޓުތަކުގެ ކޮމްޕެލެކްސް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.


