ހދ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ހަނިމާދޫ ފުލުހުންގެ އިދާރާ ގުޅިގެން، ބެޑްމިންޓަނަށް އަހުލުވެރިކުރުމުގެ ޚާއްސަ ކޯހެއް ހަނިމާދޫގައި ފެށުމަށް ނިންމައިފިއެވެ. މި ކޯސް ކުރިއަށްދާނީ އަންނަ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ކޯސް ހިންގުމުގައި އިސްކޮށް އުޅުއްވާ އިލްހާމް މޫސާ ވިދާޅުވީ، މި ކޯހުގައި ބައިވެރިވުމަށް ވަކި އުމުރެއް ކަނޑައެޅިފައި ނުވާ ކަމަށާއި، ކޮންމެ އުމުރެއްގެ ބަޔަކަށް ވެސް މި ކޯހުގައި ބައިވެރިވެވޭނެ ކަމަށެވެ. އެގޮތުން ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް އެކީގައި މި ކުޅިވަރަށް އަހުލުވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އަދި އިލްހާމް ވަނީ މި ކޯސް ހިންގުމުގައި ހަނިމާދޫ ސްކޫލުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.
އިލްހާމް ވިދާޅުވީ، “ކޯހުގައި ބައިވެރިވާން 9633338 ގުޅުއްވާން ޖެހޭނެ، މިމަހު 31 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓުރީ ވެވޭނެ ކަށާއި މި ކޯހުގައި ކިޔަވައި ދެއްވަނީ މި ކަމުގެ ތަޖުރިބާކާރުން މެދުވެރިކޮށް” ކަމަށެވެ.
މިފަދަ ކޯސްތަކަކީ ރަށުގެ ޒުވާނުންނާއި އާންމުންގެ މެދުގައި ކުޅިވަރަށް ޝައުޤުވެރިކަން އުފައްދައި، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ވަރަށް މުހިންމު ފިޔަވަޅެކެވެ.


