ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ. ތިލަފުށްޓަށް ދަތުުރުކުރަމުންދަނިކޮށް ފަރަށް އެރި “ގުރުވަ 1” ނަމަކަށްކިޔާ ދޯނީގައި ތިބި ފަޅުވެރީންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރުކުރަމުންދިޔަ މި ދޯނި، ނ. ކުޑަރަށް ކައިރިން ފަރަށް އެރި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ އޮގަސްޓި 1ވަނަ ދުވަހުގެ 23:24 ހާއިރުކަމަށެވެ.
އަދި މި ހާދިސާގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ވަނީ އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ހާބަރކްރާފްޓްއަށް ނަގާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ފަޅުވެރީން މިއަދު 08:45 ހާއިރު ނ. ހޮޅުދޫއަށް ގެންގޮސްދީފައިވާ އިރު، އެ އެންމެންގެ ވެސް ހާލު ރަނގަޅެވެ.
މީގެއިތުރުން “ޓައިޑެކްސް” ނަމަކަށްކިޔާ ބަލްކް ކެރިއަރެއްގައި އޮތް ހާލުބޮޑު ބަލި މީހަކު، ސިއްހީ އަވަސް ފަރުވާއަށް ނ. މަނަދޫއަށް ގެންގޮސްދީފައިވާ ކަމަށް ވެސް އެމްއެންޑީއެފް ބުނެ އެވެ.
ބަލްކް ކެރިއަރުގައި އޮތް މީހާގެ ސިއްހީ ހާލު ގޯސްވިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 04:45 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އެއީ އުމުރުން 49 އަހަރުގެ ދިވެއްސެއް ކަމަށާއި އޭނާ މަނަދޫއަށް ގެންދެވިފައިވަނީ މިއަދު ހެނދުނު 09:00 ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.


