ހދ. ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ އާއި ހަނިމާދޫ ފުލުހުންގެ އިދާރާ ގުޅިގެން، ބެޑްމިންޓަން ކުޅުމަށް އަހުލުވެރިކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް މި މަހުގެ 1 ވަނަ ދުވަހުގެ ހަވީރު ހަނިމާދޫގައި ރަސްމީކޮށް ފަށައިފިއެވެ.
މި ޕްރޮގްރާމުގައި ތަމްރީނު ދެއްވަނީ ދިވެހިރާއްޖޭގެ 6 ސަރަޙައްދެއްގައި އަސާސީ ތަމްރީނު ޕްރޮގްރާމުތަކެއް ފުރިހަމަކޮށްދެއްވާފައިވާ ހދ. ނޮޅިވަރަމުގެ އަޙްމަދު ވަސީމެވެ. ވަސީމަކީ ދިވެހިރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމުގައި ކުޅެ، ބައިނަލްއަޤްވާމީ ބެޑްމިންޓަން މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްސީލުކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ 2011 އިން 2016 އަށް ޤައުމީ މުބާރާތްތަކުގައި ކުޅެފައެވެ. ޤައުމީ ޓީމުން މުސްކުޅިކުރުމަށްފަހު 2016 ވަނަ އަހަރު ކޯޗުކަން ކުރަން ފެށި ވަސީމަކީ 2018 ވަނަ އަހަރު ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ލެވެލް 1 ކޮލިފައިޑް ކޯޗެއްގެ ގޮތުގައި ތަމްރީނުވެފައިވާ ފަރާތެކެވެ.

މި ޕްރޮގްރާމުގައި ޖުމްލަ 41 ބައިވެރިން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 16 ބައިވެރިންނަކީ ކުޑަކުދިންނެވެ. މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމުގެ ސެޝަންތައް ކުރިއަށްދަނީ ހަނިމާދޫ ސްކޫލުގެ އިންޑޯ ކޯޓުގައެވެ.
މުޅިން ހިލޭ ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ސަބަބުން ހަނިމާދޫގައި ބެޑްމިންޓަން ކުޅުމަށް އަހުލުވެރި ބައިވެރިންތަކެއް އުފެދި، މި ކުޅިވަރުގެ އައު ޞަފްޙާތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.


