ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ހަތް ކުއްޖަކު މިމަހު ރާއްޖެއިން ބޭރަށް ފުރުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ތެލަސީމިއާގެ ފަރުވާހޯދާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ “ހަފުތާ 14″ގައި ހިމެނޭ ވައުދެކެވެ.
މި ވައުދުގެ ދަށުން ތެލަސީމިއާ ކުދިންގެ ތެރެއިން 10 ކުއްޖަކު ކޮންމެ އަހަރަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާދިނުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީއާ ހެލްތް މިސްޓްރީން މިދިޔަ އަހަރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން މި އަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ނިންމާފައިވާ 10 ކުދިންގެ ތެރެއިން ތިން ކުއްޖަކު އޭޕްރީލް މަސްތެރޭގައި ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައެވެ. އަދި ބާކީ ތިބި ހަތް ކުދިން މި މަސްތެރޭގައި ފޮނުވުމަން ވަނީ ނިންމާފައެވެ.
ބޯން މެރޯ ހެދުމަށް ކުދިން ފުރާ ދުވަސްތައް:
* އޮގަސްޓް 4 ގައި ތިން ކުދިން
* އޮގަސްޓް 5 ގައި އެއް ކުއްޖަކު
* އޮގަސްޓް 8 ގައި އެއް ކުއްޖަކު
* އޮގަސްޓް 9 ގައި އެއް ކުއްޖަކު
* އޮގަސްޓް 12 ގައި އެއް ކުއްޖަކު
މިމަހު ބޯންމެރޯ ހެދުމަށް ފޮނުވާ ހަތް ކުދިންނާ، ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ބައްދަލުކުރައްވާފައެވެ.
މިދިޔަ އަހަރު 14 ކުދިން ބޯންމެރޯ ހެދުމަށް ފޮނުވިއެވެ. އޭގެ ތެރެއިން ބައެއް ކުދިންގެ ފަރުވާ ކުރިއަށްދާއިރު އަނެއްބައި ކުދިންވަނީ ފަރުވާ އެއްކޮށް ނިމި ރާއްޖެ އައިސްފައެވެ.


