ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ހދ.އަތޮޅުގެ ކްލަބް، ޖަމިއްޔާތަކުގެ އަންހެން އަދި ފިރިހެން ޓީމްތަކަށެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް އަތޮޅު ކައުންސިލުން އެދެއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސް ހާސް) ރުފިޔާ، އަދި ރަނަރަޕް ޓީމަށް 25000 (ފަންސަވީސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހދ.ނައިވާދޫގައެވެ. މުބާރާތް ފެށުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.


