ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި ބާއްވަން އިއުލާންކޮށްފި

ޚަބަރު ފަހުގެ

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އާއި ދިދަ ނެގުމުގެ ރަސްމިއްޔާތު އުތީމުގައި ބޭއްވުމަށް އިވެންޓް މެނޭޖުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ އެވެ.

ގައުމީ ދުވަހަކީ ކޮންމެ ހިޖުރީ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ. މިއަހަރުގެ މީލާދީ އަހަރުގެ ކަލަންޑަރުން އެ ދުވަސް ދިމާވަނީ މި މަހުގެ 24 ވަނަ ދުވަހާ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރާއްޖޭގެ ގައުމީ ދުވަސް ފާހަގަ ކުރަނީ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތް ދަށުން ރާއްޖެ ސަލާމަތް ކުރުމަށް ކުރެއްވި ޖިހާދުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. އުތީމަކީ ބޮޑު ތަކުރުފާނުގެ އުފަން ރަށެވެ.

މުހައްމަދު ތަކުރުފާނަކީ އުތީމު ހުސައިން ހަތީބުގެ ހަތަރު ބޭކަލުންގެ ތެރެއިން އެއް ބޭކަލެވެ. އުތީމުގައި ހުންނަ އުތީމު ގަނޑުވަރަކީ އެ ހަތަރު ބެއިންގެ އާއިލީ ގެކޮޅެވެ.

އެ ގެކޮޅަށް ތާރީހީ ގޮތުންނާއި ގައުމީ ގޮތުން ހާއްސަ އަހައްމިއްޔަތު ކަމެއް ދެނީ އެ ތަކުރުފާނުގެ ތިން ބޭކަލުން ޕޯޗުގީޒުންގެ އަތް ދަށުން ރާއްޖެ މިނިވަންކުރުމަށް ކުރެއްވި ކާމިޔާބު ޖިހާދުގެ ސަބަބުންނެވެ. އެއީ މުހައްމަދު ތަކުރުފާނުގެ އިތުރުން ހަސަން ތަކުރުފާނު އަދި އަލި ތަކުރުފާނުގެ ސަބަބުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ