ކައުންސިލްތަކުގެ މާލީ ހަރަދުތައް ބެލެހެއްޓުމާއި ގުޅޭގޮތުން، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މިބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން، މިދިޔަ ހޯމަ ދުވަހުގައެވެ. ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ހަމަ އެދުވަހު ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވިއެވެ. އެއާއެކު ރޭ ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި ވަނީ ބިލަށް މާ ބޮޑެތި ބަދަލުތަކެެއް ނުގެނެސް ފާސްކޮށްފައެވެ.
މިއަދުގެ ޖަލްސާގައި މިބިލަށް ވޯޓަށް އެހުމުން، ބިލު ފާސްވީ 51 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ބިލާއި ދެކޮޅަށް އަށް މެމްބަރަކު ވޯޓު ދެއްވިއެވެ.
ހޯމަ ދުވަހު މިބިލު ހުށައެޅުއްވުމާއެކު، އިދިކޮޅު މެމްބަރުން ވަނީ، ބިލާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ބިލު އަނބުރާ ގެންދިޔުމަށް އިދިކޮޅު މެމްބަރުން ގޮވާލެއްވިއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި މިއިސްލާހުތަކުގެ މައިގަނޑު އެއް ބޭނުމަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގުމުގައި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުން ލާޒިމްކުރުމެވެ. މީގެ ދަށުން، ކައުންސިލްތަކުގެ އުމުރު ހަމަވުމުގެ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ދާއިމީ އަދި ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި، ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުންފަދަ ކަންކަން ކުރެވޭނީ ސަރުކާރުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށެވެ.
އިޞްލާޙުގައި ހިމެނޭ އަނެއް މުހިންމު ބަދަލަކީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް ވަކި ޝަރުޠުތަކެއް ކަނޑައެޅުމެވެ. މީގެ ތެރޭގައި، އަމިއްލަ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ނުކުރުމުގެ އިތުރުން އިންވެސްޓްމަންޓްގެ އަގު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުނުވުން ހިމެނެއެވެ. މީގެއިތުރުން، ސަރުކާރުން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ކުލި ނެގުން މަނާކުރުމާއި، ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ހިންގަންޖެހޭނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށްކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.


