ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާތިލުކޮށް އަލުން ފޯމް ލުމުގެ ފުރުސަތު އެޗްޑީސީން ހުރިހާ ރައްޔިތުންނަށް ހުލުވާލައިފި ކަމަށް ބުނެ ދައުރުވަމުން ދަނީ ސައްހަ މެސެޖެއް ނޫންކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ސްކޭމް އެލާޓެއްގައި ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާތިލުކޮށް އަލުން ފޯމްލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯމް ލެވޭގޮތައް ހުލުވާލައިފިކަމަށާއި ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ ދައުރުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން ފްލެޓް ފޯމްތަކާއި އަދި ފްލެޓް އެއްބަސްވުންތަކުގައި ސޮއި ކުރުމާއި ގުޅުވައި ވަރަށް ގިނައިން އަންނަނީ ސްކޭމް މެސެޖްތައް ފޮނުވަމުންނެވެ.
މިހާރު ސޮއި ކުރަން ފަށާފައިވާ 4000 ފްލެޓްގެ މަޝްރޫއުގެ ސޮއި ކުރުމުގެ ކަންކަން ކުރިއަށް ގެންދާ އެފްޑީސީ އިން ވަނީ އެކުންފުނިން ހުރިހާ މައުލޫމާތެއް ހިއްސާ ކުރަމުން ގެންދާނީ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ކަމަށް ބުނެފައެވެ. އަދި އޮންލައިންކޮށް ފުރަން ޖެހޭ އިތުރު ފޯމެއްގެ ލިންކް ފޯނަށް ނުފޮނުވާނެ ކަމުގެ ޔަގީންކަން އެކުންފުނިން ވަނީ ދީފައެވެ.


