ހދ. ހަނިމާދޫ ކައުންސިލުން، އެރަށުގައި ހުންނަ ސަންސެޓް ބީޗް ރެސްޓޯރެންޓް 20 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ނިންމައި، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލައިފިއެވެ. މި ރެސްޓޯރެންޓް ހިންގާނެ ފަރާތެއް ހޯދުމަށް ބާއްވާ ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ކައުންސިލުން ބުނި ގޮތުގައި، މި ރެސްޓޯރެންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދޫކޮލުމަށް ނިންމާފައިވަނީ ހަނިމާދޫގެ ތަރައްޤީއަށް އިތުރު ބާރެއް ދިނުމުގެ ގޮތުންނެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައިވެއެވެ.
މި ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު (އަންގާރަ) ހެނދުނު 11:30 ގައި ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ މާލަމުގައެވެ. ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ރަޖިސްޓަރީވާ ފަރާތްތަކަށް އެކަންޏެވެ.
އަންދާސީ ހިސާބު ހުށަހެޅުމާއި، ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހު (އަންގާރަ) ހެނދުނު 11:00 ގައި ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ މާލަމުގައެވެ.
ކައުންސިލުން އިތުރަށް ހާމަކުރި ގޮތުގައި، އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި، ކޮންމެ ފަރާތަކުންވެސް ހުށަހެޅުއްވޭނީ އެންމެ އަންދާސީ ހިސާބެއް ކަމުގައި ކައުންސިލުން ބުނެއެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އެއްވެސް އަންދާސީ ހިސާބެއް ބަލައިނުގަނެވޭނެ ކަމަށްވެސް ކައުންސިލުން ވަނީ އަންގާފައެވެ.


