ހަނިމާދޫގައި އިސްރަށްވެހިންނަށް ލައިސެންސް ނެގުމުގެ ތަމްރީނު ޕްރޮގްރާމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ ކައުންސިލުން އިސްނަގައިގެން، އިސްރަށްވެހިންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ޚާއްޞަ ލައިސެންސް ނެގުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެފައިވާތީ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޤަވާއިދު ޤަވާއިދު ނަންބަރު 2021/R-102 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ ޤަވާއިދު) ގެ ދަށުންނެވެ.

މި ޤަވާއިދުގެ ދަށުން އުމުރުން ދުވަސްވީ ފަރާތްތަކަށް ދޫކުރާ ޙާއްޞަ ލައިސެންސް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގައި ވާ ގޮތުގެ މަތިން، އިސްރަށްވެހިންނަށް ލައިސެންސް ނެގުމުގެ ކަންކަން ފަސޭހަ ކުރުމުގެ ގޮތުން ހަނިމާދޫ ކައުންސިލުން ވަނީ މި ތަމްރީނު ޕްރޮގްރާމް ފެށުމަށް ހަމަޖައްސާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 1:00 އާއި ދެމެދު ހަނިމާދޫ ކައުންސިލް އިދާރާއަށް ދުރުވެ ނުވަތަ ކައުންސިލްގެ ނަންބަރު 4002064 އަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެވޭނެއެވެ. ކައުންސިލަށް ދުރުވެ ރަޖިސްޓްރީކުރައްވާ ބޭފުޅުން، އެބޭފުޅެއްގެ އައިޑީ ކާޑު ހިފައިގެން ދުރުވުން އެދިފައިވެއެވެ.

މި ޕްރޮގްރާމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ، 2025 އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން ސުންގަޑި ހަމަވުމުގެ ކުރިން ރަޖިސްޓްރީވުމަށް ހަނިމާދޫ ކައުންސިލުން އިލްތިމާސްކުރައްވައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ