އެމްއެމްއޭއިން ބުނީ މި ޚިދުމަތްތައް މެދު ކެނޑުނީ މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ކަމަށެވެ.
މިކަމުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް އެމްއެމްއޭއިން ވަނީ މައާފަށް އެދިފައެވެ. އަދި ޚިދުމަތްތައް އަލުން ފެށުމުން އެކަން އަންގާނެކަމަށްވެސް ބުނެފައިވެއެވެ.
މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) ފަވަރައަކީ ރާއްޖޭގައި ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ގިނަ އަދަދެއްގެ ވިޔަފާރިތަކާއި ފަރުދުން ދުވާލަކު އެތައް މުއާމަލާތެއް ކުރަމުން ގެންދެއެވެ.
ފަވަރަ ޓްރާންސްފާއިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭއިރު ފަވަރަ ރިކުއެސްޓް މެދުވެރިކޮށް އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށްވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެއެވެ.


