ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޚަބަރު ފަހުގެ

ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، 12 އޮގަސްޓު 2025 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ބިލު ހުށަހަޅުއްވާފައިވަނީ، ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖަޢާކުރުމާއި، އެ އޮފީހުގެ ޤާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ޤާނޫނުގައި ބަޔާންކުރުމާއި، އެ އޮފީހުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާބެހޭ ބައެއް އުސޫލުތައް އިސްލާޙުކުރުމުގެ ބޭނުމުގައެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ޖޫން މަހު ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. މިއީ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކޮށް، ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ޤާނޫނުގައި ބަޔާންކުރުމަށާއި އެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާބެހޭ ބައެއް އުސޫލުތައް އިސްލާހުކުރުމަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހުތަކެކެވެ.

ބިލުގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ވުޒާރަތަކާ ގުޅޭގޮތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުތައް ބޭނުންކުރުމާގުޅޭ ހުރިހާ އުސޫލުތައް ބަންޑާރަނައިބުގެ އޮފީހުގެ މައްޗަށްވެސް ހިނގާނެއެވެ. އަދި ބަންޑާރަނައިބުގެ އޮފީހުގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި ސެކްރެޓަރީ ޖެނެރަލް އަދި އެހެން މުވައްޒަފުން ހިމެނޭހެން އެ އޮފީހުގެ މަގާމުތައް ތަރުތީބުކޮށްފައިވާގޮތުގެ އޮނިގަނޑެއް ބަންޑާރަނައިބު އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަންޖެހޭ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މިއިސްލާހުގައި ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް އަދި ލީގަލް ސަޕޯޓް ސަރވިސް މުވައްޒަފުންގެ ވަޒީފާ އަދާކުރުމާ ގުޅޭ އުސޫލުތައް ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ