ލިވަޕޫލް ކާމިޔާބީއާއެކު ޕްރިމިއަރ ލީގުގެ ފެށުން

ކުޅިވަރު ފަހުގެ

މި ސީޒަނުގެ ޕްރިމިއަރ ލީގު ރަސްމީކޮށް ފަށާފައިވާއިރު، ލިވަޕޫލްގެ ދަނޑު، އެންފީލްޑްގައި ކުޅުނު އެންމެ ފުރަތަމަ މެޗުގައި ބޯންމައުތުއާ ބައްދަލުކޮށް 4-2 ގެ ނަތީޖާއަކުން ލިވަޕޫލް ވަނީ މޮޅުވެފައެވެ. މި ކާމިޔާބީއާއެކު ލިވަޕޫލް ވަނީ އާ ސީޒަން ކާމިޔާބީއާއެކު ފަށާފައެވެ.

މި މެޗުގެ ފުރަތަމަ ގޯލު ލިވަޕޫލަށް ޖެހީ މެޗުގެ 37 ވަނަ މިނިޓުގައި މެކްއެލިސްޓަރ ދިން ރީތި ޕާހަކުން އެކިޓެކޭ ކާމިޔާބުކުރި ގޯލުންނެވެ. ދެވަނަ ހާފު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ، 49 ވަނަ މިނިޓުގައި އެކިޓެކޭ ދިން ޕާހަކުން ގަކްޕޯ ވަނީ ލިވަޕޫލަށް ދެވަނަ ގޯލު ޖަހައި ލީޑު ފުޅާކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނަމަވެސް، ބޯންމައުތުއިން ފަސޭހައިން ދޫކޮށެއް ނުލިއެވެ. މެޗުގެ 64 ވަނަ މިނިޓުގައި ބުރުކޮސް ނަގައިދިން ހުރަހަކުން ސެމެންޔޯ ވަނީ ބޯންމައުތުގެ ފުރަތަމަ ގޯލު ޖަހައި، ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން 76 ވަނަ މިނިޓުގައި ސެމެންޔޯ ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ 2-2 އަށް އެއްވަރުކޮށް، މެޗަށް އިތުރު ފޯރިއެއް ގެނެސްފައެވެ.

މެޗުގެ ފަހު ކޮޅުގައި ލިވަޕޫލްއިން ވަރުގަދަ ކުޅުމެއް ދެއްކިއެވެ. މެޗުގެ 88 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޗިއޭސާ ވަނީ ލިވަޕޫލްއަށް އަނެއްކާވެސް ލީޑު ނަގައިދީފައެވެ. އަދި ދެވަނަ ހާފުގެ އިތުރު ވަގުތުގެ 94 ވަނަ މިނިޓުގައި މުޙައްމަދު ސަލާހްގެ ވަރަށް ބުރަ މަސައްކަތުން ލިބުނު ބޯޅައަކުން އޭނާ ވަނީ ގޯލެއް ޖަހައި ލިވަޕޫލްގެ ލީޑު 4-2 އަށް ފުޅާކޮށްފައެވެ.

މި ކާމިޔާބީއާއެކު ލިވަޕޫލް ވަނީ ޕްރިމިއާ ލީގުގެ އާ ސީޒަން ފެށުމުގައި ރަނގަޅު ފެށުމެއް ހޯދާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ