އިނގިރޭސި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގެ މެޗެއްގައި މިދިޔަ 16 އޯގަސްޓް ގައި ޓޮޓެންހަމް ހޮޓްސްޕަރ އާއި ބާންލޭ ބައްދަލުކުރި މެޗު 0-3 ގެ ނަތީޖާއަކުން ޓޮޓެންހަމް ހޮޓްސްޕަރ ކާމިޔާބު ކޮށްފިއެވެ. ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޓޮޓެންހަމަށް މި މޮޅު ހޯދައިދިނުމުގައި ބޮޑު ދައުރެއް އަދާކުރީ ދެ ލަނޑު ޖަހައި މޮޅު ކުޅުމެއް ދެއްކި ފޯވާޑް ރިޗާލިސަންއެވެ.
މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 10 ވަނަ މިނިޓްގައެވެ. މި ލަނޑު ޖަހައިދިނީ ކޫޑުސް ނެގި ހުރަހަކުން ރިޗާލިސަންއެވެ. ދެވަނަ ހާފަށްފަހު، ޓޮޓެންހަމްގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަަށް ހުނަރުވެރި ކުޅުމެކެވެ. މެޗުގެ 60 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ދެވަނަ ލަނޑުވެސް ޖަހައިދިނީ ރިޗާލިސަންއެވެ. މިއީވެސް ކޫޑުސް ނެގި ހުރަހަކުން އޭރިއާ ތެރެއިން ރިޗާލިސަން ފޮނުވާލި ވަރަށް ފަރި އޯވަހެޑް ގޯލެއް ކަމުގައި ފާހަގަކޮށްލެވެއެވެ.
ޓޮޓެންހަމްގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 66 ވަނަ މިނިޓްގައެވެ. މި ލަނޑު ޖަހައިދިނީ ޕެޕޭ ސާރ ދުއްވާލި މޮޅު ޕާހަކުން ޖޯންސަންއެވެ.
މި މެޗުގައި ރިޗާލިސަން ވަނީ ދެ ލަނޑު ޖެހުމުގެ އިތުރުން މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. މި މޮޅާއެކު ޓޮޓެންހަމް ވަނީ ޕްރިމިއަރ ލީގުގެ ތާވަލްގެ ތިންވަނަ މަގާމަށް ޖެހިލާފައެވެ.


