ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން ބާއްވާ އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެފްއޭއެމްއިން އިއްޔެ ކުރި އިއުލާނުގައި ވަނީ އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައި، އޭގެތެރޭގައި ހިމެނޭ އަތޮޅުތަކަށް ނިސްބަތްވާ ތިން ސަރަހައްދުގައި މިއަހަރު ފެށުމަށް ތާވަލްކޮށްފައިވާ އެޓޯލް ޗެމްޕިއަންޝިޕްގައި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރަށްތަކުން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާކަމުގައެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށް ފަހު އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެފްއޭއެމްގެ (league@famaldives.com) އީމެއިލްއަށް ފޮނުވުމަށް އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.
އެފްއޭއެމްގެ އިއުލާނުގައި ވާގޮތުން ނޯތު ރީޖަންގެ ކުޅުން ކުރިއަށްދާނީ އޮކްޓޯބަރު 1 އިން ނޮވެމްބަރު 30 ގެ ނިޔަލަށެވެ. އަދި ސެންޓްރަލް ރީޖަންގެ ކުޅުން ނޮވެމްބަރު 15 އިން ޑިސެމްބަރު 30 އާ ހަމައަށް ކުރިއަށްދާއިރު، ސައުތު ރީޖަންގެ ކުޅުން ކުރިއަށްދާނީ ޑިސެމްބަރު 1 އިން އަންނަ އަހަރުގެ ފެބްރުއަރީ 15 ގެ ނިޔަލަށެވެ.
މުބާރާތުގެ އޮނިގަނޑުގައި ބުނެފައިވަނީ، އަތޮޅު މުބާރާތް ބާއްވާނީ ކޮންމެ އަތޮޅެއްގެ ވެސް އެއް ރަށެއްގައި ނުވަތަ ރަށްތަކެއް ގުޅިގެން ހޯސްޓް ކުރާގޮތަށް ކަމަށެވެ. އަދި ކޮންމެ އަތޮޅެއްގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމު ކޮލިފައިވާނީ އެ އަތޮޅެއް ނިސްބަތްވާ ސަރަހައްދެއްގެ ސަބް ޒޯނަށެވެ.
މިފަހަރުގެ ދިވެހި ޕްރިމިއަރ ލީގުގެ ގަދަ ހަ ޓީމު އަންނަ އަހަރުގެ ލީގުން ޖާގަ ކަށަވަރުވާނެ އެވެ. އަދި އެންމެ މަދުން ޕޮއިންޓް ލިބޭ ދެ ޓީމު ރީޖަނަލް ލީގުގެ މާލޭ ލީގަށް ރެލިގޭޓުވާނެ އެވެ.
މީގެ އިތުރުން، ލީގުގެ ހަތްވަނަ ޓީމާއި އަށްވަނަ ޓީމާއި، ނޯތު ލީގާއި ސެންޓްރަލް ލީގު އަދި ސައުތު ލީގާއި މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމުތައް ހިމެނޭ ގޮތަށް ހަ ޓީމު ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ވާދަކުރަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. މި ކޮލިފިކޭޝަނުގެ ގަދަ 4 ޓީމު 2026/2027 ސީޒަނުގެ ލީގަށް ކޮލިފައިވާނެ އެވެ.


