ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުޞޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލައި، މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
މި އުޞޫލުގެ ދަށުން، ދައުލަތުގެ ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 އިންސައްތައަށް ވާ މިންވަރު، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ކޮންމެ އަހަރަކު ދޫކުރެވޭނެއެވެ. މި އަދަދު ހިސާބުކުރުމުގައި ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމެނޭނެއެވެ.
ރައީސް މުޢިއްޒު، އިންތިޤާލީ މަރުޙަލާގައި ”މީޑިއާ ގުންޒަރު“ ގެ ނަމުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި، މީޑިއާތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. އަދި މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގައި ދެފުށްފެންނަ، ޒިންމާދާރު އުޞޫލެއް އެކުލަވާލައްވާނެކަން އިޢުލާންކުރައްވާފައިވެއެވެ.
މި އުޞޫލާއެކު، ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ހުޅުވިގެންދާއިރު، މި ފައިސާ ދޫކުރެވޭނީ ދެފުށްފެންނަ އަދި ޒިންމާދާރު އުޞޫލެއްގެ ތެރެއިންނެވެ. މި އުޞޫލުގައި މާލީ އެހީ ދިނުމުގެ އެންމެހާ މިންގަނޑުތަކާއި ޝަރުތުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.


