ރޭ ކުޅުނު ލަލީގާގެ ފުރަތަމަ ބުރުގައި، ރިއާލް މެޑްރިޑް، އޮސަސޫނާ އަތުން 1-0 ލަނޑުން މޮޅުވެއްޖެއެވެ. މި މެޗުގައި ރިއާލްއަށް މޮޅު ހޯދައިދިނީ ފޯވާޑް ކިލިއަން އެމްބާޕޭ ޖެހި ލަނޑަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑެއް ކާމިޔާބު ނުކުރެވުނުއިރު، ރިއާލްއަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެންދިޔައެވެ. މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ 51 ވަނަ މިނިޓުގައެވެ. ރިއާލްގެ ފޯވާޑް ކިލިއަން އެމްބާޕޭއަށް އޮސަސޫނާގެ ޑިފެންޑަރ ކުރުޒް ކުރި ފައުލަކާ ގުޅިގެން ރިއާލްއަށް ޕެނަލްޓީއެއް ލިބުނުއިރު، މި ޕެނަލްޓީން އެމްބާޕޭ ވަނީ ފަސޭހަކަމާއެކު ލަނޑު ކާމިޔާބުކޮށްފައެވެ.
މި މެޗުގައި ރިއާލް މެޑްރިޑުން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ 18 ހަމަލާ އުފައްދާފައެވެ. ނަމަވެސް، އޮސަސޫނާއަށް މެޗުގައި އުފެއްދިފައިވަނީ އެންމެ ދެ ހަމަލާއެވެ.
މި ނަތީޖާއާއެކު މިވަގުތު ރިއާލް މެޑްރިޑް އޮތީ ލަލީގާ ތާވަލްގެ 8 ވަނައިގައެވެ.


