ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ބާސެލޯނާއިން އެޓީމުގެ ދެވަނަ ކީޕަރު އިނާކީ ޕެނާގެ ކޮންޓްރެކްޓް 2027 ވަނަ އަހަރާއި ހަމައަށް އިތުރުކޮށްފިއެވެ. އެހެންނަމަވެސް، ޓީމްގެ ބޯޑުން ހާމަކުރާ ގޮތުގައި މިހާރުގެ ކޯޗު ހަންސީ ފްލިކްގެ ޕްލޭންތަކުގައި ޕެނާގެ ބޭނުމެއްނުވާތީ، އޭނާ ލޯނަށް ދޫކޮށްލުމަށްފަހު، ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ވިއްކާލުމުގެ ވިސްނުން އެބަހުއްޓެވެ.
ޕެނާގެ މިހާރުގެ ކޮންޓްރެކްޓް 2026 ވަނަ އަހަރުގެ ޖޫން މަހު ހަމަވާއިރު، އަލަށް ސޮއިކުރެވުނު ކޮންޓްރެކްޓް ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުއެވެ. މިކޮންޓްރެކްޓް އިތުރުކުރެވުނީ އޭނާ ހިފެހެއްޓުމުގެ ބަދަލުގައި، ޓީމަށް އޭނާގެ ފަރާތުން ފައިސާގެ ފައިދާއެއް ލިބިގެންދާނެ ގޮތަކަށް ކަން ބާސެލޯނާގެ ބޯޑުން ފާހަގަކުރެއެވެ.
ބާސެލޯނާގެ ފުރަތަމަ ކީޕަރަކަށް މިހާރު ވަނީ ޖޮއާން ގާސިއާ ހަމަޖެހިފައެވެ. އަދި ދެވަނަ ކީޕަރަކަށް ސިކްޒްނީ ޕޯލް ރަޖިސްޓްރީވީހާ އަވަހަކަށް ހަމަޖެއްސުމަށްޓަކައި ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.ގިނަ ދުވަހެއްގައި ފުރަތަމަ ކީޕަރަކައް ކުޅުނު ޓާރ ސްޓާރޖަން މިވަގުތު ހުރީ އިންޖަރީގައެވެ. މިކަންކަމަށް ބަލާއިރު ޕެނާ އަށް ޓީމުން ފުރުސަތު ލިބުމަކީ ވަރަށް ނާދިރު ކަމަކައް ބެލެވެއެވެ.
ބާސެލޯނާގެ ބޯޑުން ބުނާ ގޮތުގައި، ޕެނާ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ލޯނަށް ދޫކޮށްލުމަށްފަހު، އޭނާގެ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ވިއްކާލުމުގެ ވިސްނުން އެބަހުއްޓެވެ. ނަމަވެސް، ލޯނަށް ކުޅުންތެރިޔާ ދޫކޮށްލި ނަމަވެސް، ސީޒަން ކުރިއަށްދާ ގޮތަށް ބަލައިފައި އަނބުރާ ގެންނަން ވެސް ޖެހިދާނެ ކަމަށް ޓީމްގެ ބޯޑުން ހާމަކުރެއެވެ.
މިވަގުތު ޕެނާ ލޯނަށް ދޫކޮށްލާނެ ޓީމެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް އޭނާއަށް ސައުގުވެރިކަން ހާމަކުރާ ޓީމްތަކުގެ ތެރޭގައި އިޓަލީގެ ކޯމޯ، ސްޕެއިންގެ ސެލްޓާ ވީގޯ އަދި ޖިރޯނާ، އަދި ތުރުކީގެ ގަލަސަތަރާއީ ހިމެނެއެވެ.
ޕެނާގެ އިތުރުން ޖޫލްސް ކޮއުންޑެ ވެސް ވަނީ އާކޮންޓްރެކްޓް ސޮއި ކޮށްފައެވެ. މިކޮންޓްރެކްޓާއެކީ 2030 ވަނަ އަހަރާހަމައަށް ކޮއުންޑެ ބާސެލޯނާގައި މަޑު ކުރާނެއެވެ.


