ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިގެން ވަނީ ހުދޫދެއްގެ ތެރޭގައި ކަމަށާއި ބޭނުންހާ އެއްޗެއް ލިޔެ، މީސްމީހުންގެ އަބުރަށް އަރައިނުގަނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. އުތީމުގައި މިއަދު ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ސަރުކާރަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގިދާނެ ކަމަށާއި ނަމަވެސް ހަގީގީ ތަރައްގީއަކީ އިންސާނުންގެ ސިކުނޑިއަށް އަންނަ އެއްޗެއް ކަމަށެވެ.
“އަޅުގަނޑުމެންގެ ކޮންމެ މީހަކަށް އިއްޒަތަކާއި އަބުރަކާއި ޝަރަފަކާއި ލިބިފައިވާ ފަދައިން އަނެކާއަށް ވެސް ހަމަ އެ ވަރަށް އެ އިއްޒަތާއި ޝަރަފާއި އަބުރު ލިބިގެންވާކަން ގަބޫލުކޮށް މީގެ ކުރިން ދިވެހިވަންތައްކަން މި ގައުމުގައި އޮތް އިރު، ދިވެހިވަންތައްކަން ފުރިހަމަކަމާ އެކީގައި ރިވެތި ސިފަތަކާއެކީގައި އޮތްއިރުގައި މި ދެންނެވި ސިފަތައް އޮތްއިރުގައި ކަންކަން އަޒުމް އާ ކުރަންވީ،” ރައީސް ވިދާޅުވި އެވެ. “އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ހައްގެއް ނޫންކަން އަނެކާގެ އިއްޒަތާއި އަބުރާއި ޝަރަފަށް އަރައިގަތުނަމަކީ.”
އެ މަނިކުފާނު ވިދާޅުވީ އެއްވެސް މީހެއްގެ މިނިވަންކަމަށް އަރައިގަނެވޭ ހިސާބުން ތިމާއަށް ލިބިދީފައިވާ ހައްގުތަކަށް ހުދޫދުވެގެންދާނެ ކަމަށެވެ. އަދި މިނިވަންކަމުގެ ނަމުގައި ބޭނުން އެއްޗެއް ކިޔުމާއި ލިޔުމުގެ ފުރުސަތު ނުދެވޭނެ ކަމަށް އެ ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު ފެންމުން ދަނީ އެހެން މީހުންގެ އަބުރަށް އެއްވެސް ބަލައިލުމެއް ނެތި އަމިއްލަ މަންފާއަށް ކަންކަން ކުރަމުންދާ މަންޒަރު ކަމަށެވެ.
“އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަން ކަމެއް ނޫންކަން ތިމަންނާ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށްލުމަކީ ބެލުމެއް ނެތި،” އެ މަނިކުފާނު ވިދާޅުވި އެވެ. “ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ، އެހެންވީމާ އަތާ ދޫ ރައްކާތެރި ކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް ވާޖިބެއް. މުސްލިމަކަށްވާތީ އަދި އަމުދުން ވަރަށް މުހިންމު ވާޖިބެއް.”
ރައީސް ވިދާޅުވީ ގައުމީ ދުވަސް ފާހަގަކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ އެ ވާޖިބު އަދާކުރުމަށް ކަމަށާއި ގައުމިއްޔަތަކީ ރީތި އާދަތަކާއި ދިވެހި ބަހާއި އިސްލާމްދީން ކުރިއެރުވުން ކަމަށެބެ. އަދި އެއީ ދިވެހި ކޮންމެ ރައްޔިތަކު އަދާކުރަން ޖެހޭނެ ވާޖިބެއް ކަމަށް ވިދާޅުވި އެވެ.


