ހދ. މަކުނުދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި އެއަރޕޯޓް ތަރައްގީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮޮންޓްރެކްޓިން ކޮމްޕެނީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަކުނުދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައެވެ.
އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތް ކުރުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
މިއެއްބަސްވުމުގެ ދަށުން 1800 މީޓަރުގެ ދިގު ރަންވޭއެއް ތަރައްޤީ ކުރުމަށް ބިން ހިއްކާނެވެ. އަދި ރަށުގެ ބޭނުމަށް 22 ހެކްޓަރުގެ ބިން ހިއްކާނެވެ. އެ މަޝްރޫއު ނިންމާލާނީ އެއަރޕޯޓުގެ އިންފްރާސްޓަކްޗާގެ މަސައްކަތާއިއެކުގައެވެ. އަދި އެއަރޕޯޓް ނިންމުމަށް ފަހު ހިންގުމަށް ހަވާލުކުރަން ނިންމާފައިވަނީ އެމްއޭސީއެލްއާއިއެވެ.


