ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލުން މަރާލަނީ މުޅި ހިޔާލުފާޅުކުރުމުގެ ހައްގު ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިން މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
މި ބިލާއި މެދު ނޫސްވެރިން ހިމެނޭހެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން ‘ދައުރު’ ނޫހުގެ އެޑިޓަރު މޫސާ ލަތީފް ވިދާޅުވީ މި ބިލު އޮތީ ސޯޝަލް މީޑިއާގައި މީހަކު ލިޔާ ލިޔުން ވެސް ހުއްޓުވައި، އަދަބު ދެވޭ ގޮތަށް ކަމަށެވެ.
“ހަމައެކަނި ނޫސްވެރިންގެ ވާހަކައެއް ނޫން. މިއިން މި މަރާލަނީ މުޅި ހިޔާލުފާޅުކުރުމުގެ ހައްގު،” މޫސަ ވިދާޅުވި އެވެ.
‘އަދަދު’ ނޫހުގެ ސީއީއޯ އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ މިއީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަޑީގައި ހުންނަވައިގެން ޕީއެންސީ މެދުވެރިކޮށް ކުރާ ކަމެއް ކަމަށާއި ބިލު އެކުލަވާލާފައި އޮތީ މީޑިއާ އާއި ނޫސްމަޖައްލާތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބާރުގެ ދަށުވާ ގޮތަށް ކަމަށެވެ.
ނޫސްވެރިން ބިލާ މެދު ދެކޭގޮތް ވަރަށް ސާފު ކަމަށާއި ބިލާ ގުޅޭގޮތުން މަޝްވަރާކުރަން ޖެހޭ ކަމެއް ނެތް ކަމަށްވެސް ފިޔާޒު ވިދާޅުވި އެވެ. އަދި މިއީ ބަހުސްކުރަން އިށީންނަ ވަރަށް ވުރެ ވެސް ގޯސް ބިލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން އެޑިޓާސް ގިލްޑްގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ ޒާހިރު) ވިދާޅުވީ މިއީ މީޑިއާގެ މަފްހޫމު ވެސް ނުދަންނަ ބަޔަކު ތައްޔާރުކޮށްފައިވާ ބިލެއް ކަމަށެވެ. އަދި މި ބިލާއެކު ކަންކަން ހާމަކުރުމަށް އޮތް ދޮރު އެއްކޮށް ނެތިކޮށްލަނީ ކަމަށާއި މިއީ ޑިމޮކްރެސީގެ އެންމެ އަސާސީ ފަލްސަފާއާ މުޅިން ހިލާފަށް އޮތް ބިލެއް ކަމަށް އޭނާ ވިދާޅުވި އެވެ.


