މިނިވަން މީޑިއާ ނެތިކޮށްލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް އަޑު އުފުލަން ރައްޔިތުންގެ މަޖިލިސް ކައިރީގައި ނޫސްވެރިން މިއަދު މުޒާހަރާ ކުރަން ފަށައިފި އެވެ.
ދައުރުން ބޭރުގައި މިއަދު ކުރިއަށް ގެންދާ ޖަލްސާއަށް، މީޑިއާ ބިލު ބަހުސް ވަނީ އެޖެންޑާކޮށްފައިވެ އެވެ.
އެ ބިލާ ދެކޮޅަށް ނޫސްވެރިންނާއި އިތުރަށް ބައެއް ސިޔާސީ ޕާޓީތަކުން ވެސް ކަންބޮޑުވުން ފާޅު ކުރަމުން އަންނަ އިރު، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ބައެއް މެންބަރުން ވަނީ ބިލު ފާސް ކުރަން ވޯޓް ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅީ ކުރިން ވެސް މީޑިއާތަކުހެ ބާރު ކަނޑުވައިލަން ބިލެއް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
އޭނާ އަލުން މަޖިލީހަށް ބިލު ހުށަހެޅުއްވީ މި މަހުގެ 19 ގަ އެވެ. އެ ދުވަހު ބިލުގެ ފުރަތަމަ ކިއުން އިއްވައި އިބްތިދާއީ ބަހުސް ވެސް އެ ދުވަހު ފެސި އެވެ.
އެ ބިލުގެ ބަހުސް މި ތާވަލްކުރީ އެ ބިލް އަނބުރާ ގެންދިޔުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އިތުރުން ގޮވާލާފައިވެ އެވެ.
ބިލު އަނބުރާ ގެންދިޔުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވެސް ގޮވާލާފައިވެ އެވެ.
ޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވަނީ ބިލު ގާނޫނަކަށްވެ، ތަސްދީގު ކުރަން ފެށުމާ އެކު، މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ ކަމަށެވެ. އެގޮތުން އުވެނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތަކެވެ.
އަދި މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށާއި އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުން ކަމަށް ބުނެފައިވެ އެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު ނައިބު ރައީސް ހޮވާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ބިލުގައިވާ ގޮތުން ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.
މީގެއިތުރުން ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5،000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރާއި ނޫހަކުން ނުވަތަ މަޖައްލާއަކުން ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ އެކަމެއް އިސްލާހުކުރަންދެން ނުވަތަ މައްސަލަ ބަލާ ނިމެންދެން އެ ނޫހެއްގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލުކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ.



