ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތް: ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެ

ކުޅިވަރު ފަހުގެ

ފުރަތަމަ ފަހަރަށް ބާއްވާ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެއެވެ.

އިއްޔެ ހަވީރު ކުޅުދުއްފުށީ ސިޓީގެ ހޭންޑްބޯޅަ ސްޓޭޑިއަމްގައި ކުޅުނު ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ރާއްޖެއާއި ސްރީލަންކާއެވެ. ރާއްޖެއިން މި މެޗު ކާމިޔާބުކުރީ 2-1 ސެޓުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ސެޓުން ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން، ޕެނަލްޓީ ޝޫޓްއައުޓްގައި ރާއްޖެއިން ވަނީ 7-4 ގެ ސްކޯއަކުން ލަންކާ ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ކާމިޔާބުކުރީ 28-24 ންނެވެ. ފުރަތަމަ ސެޓުގައި ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ މިފަހަރު އަލަށް ޤައުމީ ޓީމުން ޖާގަ ހޯދި ޒުވާން ތަރި ރާއުލް އެވެ. ދެވަނަ ސެޓުގައި ލަންކާއިން ކުޅުން ރަނގަޅުކޮށް ގެންދިޔައީ 34-26 ންނެވެ.

މި މުބާރާތުގައި ރާއްޖެއިން ދެން ނިކުންނާނީ ހުކުރު ދުވަހު ހެނދުނު ސައުތު އެފްރިކާއާއި ދެކޮޅަށެވެ. އެއަށްފަހު ހަމަ އެރޭ ޕާކިސްތާނާއި ދެކޮޅަށް ރާއްޖޭން ކުޅޭނެއެވެ. މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ، ސްރީލަންކާ، އިންޑިއާ، ބަނގްލަދޭޝް، ސައުތު އެފްރިކާ އަދި ޕާކިސްތާނެވެ.

މީގެއިތުރުން ރޭ ކުޅުނު ފުރަތަމަ މެޗުގައި ސީދާ ދެ ސެޓުން ސައުތު އެފްރިކާ ބަލިކޮށް ބަންގްލަދޭޝް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ. މިމެޗުގެ ފުރަތަމަ ސެޓުގައި ބަންގްލަދޭޝް ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 17 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 7-24 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ސެޓުގައި ސައުތު އެފްރިކާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރި ނަމަވެސް، ވާދަވެރި ކުޅުމަކަށް ފަހު ނުވަ ޕޮއިންޓްގެ ފަރަގަކާއެކު 20-29 ގެ ނަތީޖާއަކުން ސެޓް ކާމިޔާބުކޮށް ބަންގްލަދޭޝުން ވަނީ 2-0 ގެ ނަތީޖާއަކުން މެޗުން މޮޅުވެފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަންގްލަދޭޝް ޓީމުގެ އެމްޑީ ޚޮކޮން މޮއްލާ އެވެ.

ހަމައެޔާއެކު ރޭ ކުޅުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު ސީދާ ދެ ސެޓުން އިންޑިއާ ބަލިކޮށް ޕާކިސްތާނުން އެޓީމުގެ ފެންވަރު ދައްކާލައިފިއެވެ.

މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 17 ޕޮއިންޓްގެ ލީޑަކާއެކު 9-26 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ސެޓުގައި ޕާކިސްތާނުން އެޓީމު އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 34-13 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕާކިސްތާން ޓީމުގެ އަހުމަދު ހަސަން ބެއިގް އެވެ.

މުބާރާތުގައި މާދަމާ ހަ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ހެނދުނު 7:00 ގައި ސްރީލަންކާއި ދެކޮޅަށް ޕާކިސްތާން ނުކުންނައިރު، 8:00 ގައި ދިވެހިރާއްޖެ އިން ނުކުންނާނީ ސައުތު އެފްރިކާއި ދެކޮޅަށެވެ. އަދި 9:00 ގައި އިންޑިއާ އިން ނުކުންނާނީ ބަންގްލަދޭޝާއި ދެކޮޅަށެވެ.

މާދަމާ ރޭ 20:00 ގައި ޕާކިސްތާނާއި ދިވެހިރާއްޖެ ވާދަކުރާއިރު، 21:00 ގައި ބަންގްލަދޭޝް އިން ނުކުންނާނީ ސްރީލަންކާއި ދެކޮޅަށެވެ. އަދި 22:00 ގައި ކުޅޭ ފަހު މެޗުގައި އިންޑިއާ އިން ނުކުންނާނީ ސައުތު އެފްރިކާއި ދެކޮޅަށެވެ.

މ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީއަށް ހޮވޭ ގޮތަށެވެ.

ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. އަދި ސެމީފައިނަލުގެ ދެމެޗުން ބަލިވާ ދެޓީމުގެ މެދުގައި މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ލީގުބުރު ފަސްވަނަ ޓީމާއި ހަވަނަ ޓީމުގެ މެދުގައި ރޭންކިން މެޗެއް ކުޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ