ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް ގާއިމްކުރައްވައިފި އެވެ.
ރައީސް ވ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ފެލިދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށުގައި އައިޑީ ކާޑުގެ ހިދުމަތް ވަނީ ފައްޓަވާފަ އެވެ. ފެލިދޫގައި އެ ހިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ފްލޭނިންގ މޫސާ ޒަމީރެވެ.
ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެރަށުގައި އައިޑީ ކާޑުގެ ހިދުމަތް ރަސްމީގޮތުން ފެއްޓެވުމާ އެކު، ކަނޑައަޅުއްވާފައިވާ އަމާޒާ އެއްގޮތަށް، މިއަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އައިޑީ ކާޑުގެ ހިދުމަތް ގާއިމްކުރެވިފައި ވާކަމަށެވެ. އަދި މި ސަރުކާރުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އަސާސީ ހިދުމަތްތަކަށް މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެނައުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އައިޑީ ކާޑު ހެއްދުމަށް އެދި ހުށައެޅި 3،348 މީހުންނަށް ކާޑު ހަދައިނުދީ އޮތްކަމުގައި ސަރުކާރުން ފާހަގަކުރެ އެވެ. އެހެންކަމުން ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީގެން އެފަރާތްތަކަށް އައިޑީ ކާޑު ހަދައިދީ، އައިޑީ ކާޑަށް އޮންލައިންކޮށް އެދުމުގެ ނިޒާމު އުވާލާ، ރަށު ކައުންސިލްތައް މެދުވެރިކޮށް ކާޑު ހައްދަން އެދެވޭ ގޮތަށް “ނާރެސް” ޕޯޓަލް ތައާރަފުކޮށްފަ އެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް، ކާޑު ހައްދައިދިނުމުގެ މަސައްކަތް އިފްތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު އެވެ.


