ފ. ނިލަންދޫގައި ފިއުލް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިލަންދޫގައި ރޭ ބޭއްވި ޖަލްސާގައި ފިއުލް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިޝާން އިންވެސްޓްމަންޓާއެވެ.
ފިއުލް ސްޓޯރޭޖް ގާއިމުކުރުމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ. އަދި އިޝާން އިންވެސްޓްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު އުއްމު ކުލްސޫމެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމު ގާއިމުކޮށްދިނުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ.
އެގޮތުން އެސްޓީއޯއާ ހަވާލުކުރެވުނު މަޝްރޫއުގެ ތެރެއިން މިހާރު ކަނޑައެޅިފައި ހުރި ހުރިހާ ރަށެއްގައި ފިއުލް ސްކިޑްތައް ގާއިމުކުރުމަށްޓަކައި، ރާއްޖެއިން ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ޕްރިފެބްރިކޭޝަން މަސައްކަތް ކުރިއަށްގެންދާ ކަމަށާއި އެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
“ނޮވެމްބަރު މަހުގެ ތެރެއިން ފެށިގެން ޑެލިވާކުރެވިގެން އިސްޓޯލްކުރުމުގެ މަސައްކަތް ފަށާނެ. އެހެންވީމާ މި ރަށުގައި ފިއުލް ސްކިޑް ގާއިމުކުރުމަށް ސިވިލް ވޯކްސް ކުރުމުގެ އެ ހަވާލުކުރެވުނީ. މިހާރު ތާވަލުކުރެވިފައި އޮތް ގޮތުން މި އަންނަ އަހަރުގެ މާޗް މަހާ ހަމައަށްދާ އިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި، މިކަމަށް ކަނޑައެޅުނު ހުރިހާ ރަށެއްގައި މި މަޝްރޫއު ކުރިއަށްގެންގޮސް ނިމެނޭ. މި ސޮއިކުރެވުނު މަޝްރޫއަކީ މި ރަށުގެ މަޝްރޫއު،” އެ މަނިކުފާނު ވިދާޅުވިއެވެ.
އެސްޓީއޯ ރޭޓުގައި ރާއްޖޭގެ ރަށްރަށުން ތެލޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައީސް ވައުދުވެވަޑައިގެންފައިވަނީ މަސްވެރިންނަށް ހާއްސަކޮށްގެންނެވެ. އޭގެ އިތުރުން ރައްޔިތުންނަށް ވެސް ހެޔޮ އަގުގައި ތެޔޮ ލިބިގެންދާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.


