ރާއްޖޭގެ ކުރިމަގަށް އަމާޒުކޮށް 20 އަހަރު ދިގު މުއްދަތަށް އެކުލަވާލަމުންދާ ގައުމީ ތަރައްގީގެ ޕްލޭން “ވިލުންތެރި ރާއްޖެ 2045” އަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ގޮތުން ހދ.ހަނިމާދޫގައި “ކުރިމަގު ސައްލާ” އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންގޮސްފިއެވެ.
ހަނިމާދޫ އިޖްތިމާއި މަރުކަޒުގައި ބޭއްވި މި ބައްދަލުވުމުގައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ، ޕްލޭނަށް ހިޔާލާއި ފިކުރު ހުށަހަޅާފައިވެއެވެ.
މި ސައްލާ ކުރިއަށް ގެންގޮސްފައިވަނީ، ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ޕްލޭނިން މިނިސްޓްރީން ހަވާލުކޮފައިވާ ދިވެހި ކޮންސަލްޓަންސީ ފާމެއް ކަމަށްވާ ނެކްސިއާ މޯލްޑިވްސްއިންނެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، ދިގު މުއްދަތަށް ރާއްޖޭގެ ތަރައްގީއަށް ކަނޑައަޅާ މި ޕްލޭނަށް ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އެބައިމީހުންގެ ހިޔާލާއި އުއްމީދުތައް ޕްލޭނުގައި ހިމެނުމެވެ.
“ކުރިމަގު ސައްލާ” އާ ގުޅިގެން، ނެކްސިއާ މޯލްޑިވްސްއިން ވަނީ އެދުވަހު ހަނިމާދޫ ކައުންސިލުގައި ފޯކާސް ގުރޫޕް ބައްދަލުވުންތަކެއް ވެސް ބާއްވާފައެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވެފައިވަނީ ހަނިމާދޫގެ ވިޔަފާރިވެރިންނާއި ދަނޑުވެރިންނެވެ. މީގެ މަގުސަދަކީ ތަފާތު ދާއިރާތަކުގެ ފަރާތްތަކުގެ ތަފްސީލީ ހިޔާލުތައް ހޯދުމެވެ.
ނެކްސިއާ މޯލްޑިވްސްއިން ބުނި ގޮތުގައި، “ވިލުންތެރި ރާއްޖެ 2045” ޕްލޭން އަންނަ ޖެނުވަރީ މަހަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ބައްދަލުވުންތަކުގެ އިތުރުން ވެސް، https://ndp.nexia.mv/ ޒިޔާރަތްކޮށްގެން މި ޕްލޭނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންނަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި އެއޮފީހުން ފޯނު ސާވޭއެއްވެސް ކުރިއަށް ގެންދާކަމަށާ އެއޮފީހުން ގުޅާ އޮޓީޕީ، ކޭސްކަނޑު މައުލޫމަތު ނުހޯދަނެކަމަވެސް އެފަރާތުން ބެނެފައިވެއެވެ. އެހެން ކަމުން އެއޮފީހުން ގުޅުމުން ވަގުތުކޮޅެއް ހުސްކޮދިނުމަވެސް އެފަރާތުން ރައްޔިތުން ފަރާތުން އެދިފައިވެއެވެ.
ގައުމީ ތަރައްގީގެ މި ދިގު މުއްދަތުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
މި ޕްލޭނަކީ ރާއްޖޭގެ އިގުތިސާދީ، އިޖުތިމާއީ އަދި ތިމާވެށީގެ ތަރައްގީއަށް ބޭނުންވާ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، ގައުމީ ދިގު މުއްދަތުގެ އަމާޒުތައް ހާސިލްކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ޕްލޭނެކެވެ.


