މީޑިއާ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން ސަރުކާރުން މީޑިއާ ރެގިއުލޭޓް ކުރާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވޭނީ 7 މެމްބަރުންގެ މައްޗަށެވެ. އެކަމަކު އޭގެ ތެރެއިން ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ 4 މެމްބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިިސީން ހުޅުވާލާފައި ވަނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި މީޑިއާތައް ތަމްސީލުކުރާނެ ދެ މެމްބަރަކު ހޯދުމަށެވެ.

އެ އިއުލާނުގައިވާ ގޮތުން ކޮމިޝަނުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިއަދުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ.

ކޮމިޝަނަށް ކުރިމަތިލާ މެމެބަރުންގެ ފުރިހަމަވާންޖެހޭ ކަންކަން:
– އުމުރުން 30 އަހަރުވެފައިވާ ދިވެއްސަކަށް ވުން.

– ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާ އިން ނުވަތަ ސިޔާސަތު ކަނޑައެޅުމާ ބެހޭ ދާއިރާ އިން ނުވަތަ ހިންގުމުގެ ދާއިރާ އިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވުން.

– މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކަށް ނުވުން.

– ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން.

– ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން.

– އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން.

– މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން.

– ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ނުވުމާއި ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށް ނުވުން.

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމުގެ ފޯމު ހުށަހަޅަން ޖެހެނީ އީސީގެ ޕޯޓް ކޮމްޕްލެކްސްގެ ފަސް ވަނަ ފްލޯއަށެވެ. އީސީން އެ ތަކެތި ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 4 ގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 9:00 އިން މެންދުރު 2:00 އަށެވެ. އަދި ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރު ފަހު 3:00 އިން 5:00 އަށެވެ.

އީސީން ބުނީ އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާ މެދު ނިންމާ ގޮތެއް އަންގާނީ އެޕްލިކޭޝަން ފޯމުގައި ހިމަނާފައިވާ މެއިލްއަށް ކަމަށެވެ.

އެ އިންތިހާބުގެ ވޯޓު ނެގުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 9:00 އިން 4:00 އަށެވެ. އިންތިހާބުގައި ވޯޓު ލެވޭނީ މުއްދަތު ހަމަނުވާ އައިޑީކާޑާއި ލައިސަންސް އާއި ޕާސްޕޯޓު ބޭނުންކޮށްގެންނެވެ.

އީސީން ބުނި ގޮތުގައި އެ އިންތިހާބުގެ ވޯޓު ފޮށި ބަހައްޓަނީ ހަމައެކަނި މާލޭގަ އެވެ. އަދި ވޯޓު ނެގުން ނިމޭތާ 30 މިނެޓަށް ފަހު ވޯޓު ގުނަން ފަށާއި އޭގެ ރަސްމީ ނަތީޖާ ވެސް އިއުލާނު ކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ