މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޕީއެސްއެމްގެ ޓީވީ ޕްރެޒެންޓަރު އިނާޔު އަލީ އާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށެވެ. އޭގެ ބަރުދަނުގައި 1،246 ގްރާމު ހުރި ކަމަށް ފުލުހުން ބުންޏެވެެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ އުމުރުން 34 އަހަރުގެ މުހައްމަދު އައިޝް އަހުމަދާއި 25 އަހަރުގެ އާއިމިނަތު އިއްލިއްޔީން އަހުމަދެވެ. އެ ދެ މީހުންނަކީ މއ. މަޒާގެ ދެ މީހުންނެވެ. އަދި ހދ. ކުޅުދުއްފުށި، މަރިޔާޒް، އިނާޔަތު އަލީ، 34، ވެސް ވަނީ ހައްޔަރުކޮށްގަ އެވެ.
ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އައިޝްގެ ބަންދަށް 10 ދުވަސް އަދި އަނެއް ދެ މީހުންގެ ބަންދަށް 7 ދުވަސް ދީފައިވާ ކަމަށެވެ.
އެމީހުންގެ ބަންދު އަމުރުގައިވާ ގޮތުން އިނާޔަތާއި އިއްލިއްޔީންގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފަ އެވެ.
އިއްލިއްޔީން މިހާރު ދިރިއުޅޭ ކަމަށް ބުނާ އެޕާޓްމަންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ސީނަށް ދިޔަ ފުލުހުން ބުނާ ކަމަށް ވެސް އަމުރުގައިވެ އެވެ. އަދި އައިޝްއާ ގުޅޭ ތަނެއް ބަަލައިފާސްކުރުމުގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1،246 ގްރާމު ހުރި ކަމަށް ވެސް ބުނެފައިވެ އެވެ.
ކޯޓު އަމުރުގައި ބުނީ އިނާޔަތު ދިރިއުޅޭ ގެއިން މަސްތުވާތަކެއްޗާއި ދުންފަތާ އެއްކޮށްފައިވާ އެއް ބިޑި ފެނިފައިވާ ކަމަށާއި އެތަނުގައި އޭނާގެ އައިޑީކާޑު ވެސް އޮތް ކަމަށެވެ.


