މީޑިއާ އަދި ބްރޯޑްކާސްޓިންގ ދާއިރާ ރެގިއުލޭޓް ކުރުމަށް ޤާނޫނީ ގޮތުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ފުރުޞަތު ލިބިފައިވާ މީޑިއާތަކުގެ ދަފްތަރު މިއަދު އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.
ގާނޫނު އޮންނަ ގޮތުން މީޑިއާއެއްގެ ގޮތުގައި ނުވަތަ ބްރޮޑްކާސްޓަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަކަށް ވެސް އިންތިހާބުގައި ވޯޓް ލެވެއެވެ. އެހެންކަމުން މިހާރު ހިންގުން ހުއްޓާލާފައިވާ ނުވަތަ ގަވައިދުން އަޕްޑޭޓް ނުވާ މީޑިއާތައް ވެސް ވޯޓް ލެވޭ މީޑިއާތަކުގެ ގޮތުގައި ވަނީ ލިސްޓް ކޮށްފައެވެ.
އަންނަ މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ވޯޓް ލެވޭނެ 353 މީޑިއާގެ ނަންތައް ގެޒެޓުގައި އިލެކްޝަންސް ކޮމިޝަނުން ޝާއިޢުކޮށްފައިވެއެވެ. މި ދަފްތަރާ ގުޅޭގޮތުން މައްސަލައެއް އޮތް ފަރާތްތަކުން މާދަމާ މެންދުރުފަހު 3:00 އާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ.
ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފޯމު ކޮމިޝަނުގެ ވެބްސައިޓުންނާއި އިދާރާއިން ލިބެން ހުންނާނެ ކަމަށާއި، ޝަކުވާތައް ހުށަހަޅަންވާނީ އީމެއިލް މެދުވެރިކޮށް ކަމަށް ކޮމިޝަނުގެ އިއުލާންގައި ބުނެފައި ވެއެވެ.
މީޑިއާ ކޮމިޝަނުގައި ހިމެނޭ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ހަތަރު މެންބަރުން ހޮވާނީ މީޑިއާތަކުގެ ވޯޓަކުންނެވެ. މި ގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާނެ ދެ މެންބަރުންނާއި މީޑިއާތައް ތަމްސީލުކުރާނެ ދެ މެންބަރުންގެ މަގާމަށް ކުރިމަތިލުމަށް އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.


