ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހު 9ގައި ހުޅުވަނީ

ޚަބަރު ފަހުގެ

ހަނިމާދޫގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިންމައި، އަންނަމަހުގެ 9ގައި ރަސްމީކޮށް ހުޅުވާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅިން އައު މަޝްރޫޢެއްގެގޮތުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންއަންނަކަމަށެވެ. އެގޮތުން އައު ޓަރމިނަލަށް ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އައު ޓަރމިނަލަށް ޚިދުމަތްތައް ބަދަލުކޮށް ބައު ޓަރމިނަލް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ. ރަސްމީކޮށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 9ގައިކަމަށް ޝަރީފު ވިދާޅުވިއެވެ.

މިމަޝްރޫޢު ނިމުމުން، ހަނިމާދޫ އެއަރޕޯޓުން އޭ320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެ އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން އެއަރބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓް އެއްފަހަރާ ޕާކުކުރެވޭނެއެވެ.

ދިވެހިވަންތަކަން ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ ޓާމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހިމެނެއެވެ. އަތޮޅުތެރޭގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ޤާއިމްކޮށްފައިވަނީ ހަނިމާދޫ އެއަރޕޯޓްގައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތަކީ ގާތްގަނޑަކަށް ދެ ބިލިޔަން ރުފިޔާގެ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިއީ އަހަރަކު 1.3 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ މިންވަރަށް ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ