ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ފަރާތްތަކަކީ ނ. ވެލިދޫ / ރެޑިޔަމްވިލާ، އަޙްމަދު މައިޝާން ނަސީމް (20އ) އާއި ނ. ވެލިދޫ / ޑޭޒީމާގެ، ޙަސަން ނާއިމް (26އ) އާއި ނ. ވެލިދޫ / ޖަވާހިރުމާގެ، މުޙައްމަދު ޚަލަފް އިބްރާހީމް (18އ) އަދި ނ. ކުޑަފަރި / ލިލީގެ، އިބްރާހީމް ރިޔާޝް (18އ) އެވެ.
ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ 28.61 ގްރާމްގެ އެއްޗެއް ވަނީ އެތަނުން ފެނިފަ އެވެ.
ފުލުހުން އިތުރަށް މަޢުލޫމާތު ދިން ގޮތުގައި މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ނިންމާފަ އެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ކުރިއަށްގެންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެ އެވެ.


