އެމެރިކާއާއި އިސްރާއީލު ގުޅިގެން، އިންސާނީ އެހީ ބެހުމުގެ ނަމުގައި ޣައްޒާގައި ޖަހާފައިވާ މަރުގެ ދަންތުރަތައް ޣައްޒާގެ އާންމުން ނުކުމެ ރޫޅަން ފަށައިފިއެވެ.
ޣައްޒާގެ އާންމުން ނުކުމެ “ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” އިން އެހީ ބެހުމުގެ ނަމުގައި ހަދާފައިވާ ސައިޓްތައް ރޫޅަން ފަށާފައި މިވަނީ، ހަނގުރާމަ ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކުގައެވެ.
އިސްރާއީލުން މާޗްމަހުގެ 2 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އިންސާނީ އެއްވެސް އެހީއެއް އެތެރެ ކުރިޔަނުދީ ބަންދުކުރުމުން ޣައްޒާގެ އެތައް މިލިއަން ރައްޔިތުން ކާބޯތަކެއްޗަށް ޖެހި ބަނޑަށް މަރުވާން ފެށުމުން، ދުނިޔެއިން ޕްރެޝަރ ކުރުމުން އެމެރިކާއާއި އިސްރާއީލުގެ ހީލަތްތެރި ރޭވުމެއްގެދަށުން ޣައްޒާއަަށް އިންސާނީ އެހީ ބެހުމުގެ ނަމުގައި ފޮނުވީ “ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” ކިޔާ އެމެރިކާގެ ޖަމާއަތެއްގެެ ބައެކެވެ.
އެ ޖަމާއަތުން މިއަހަރުގެ މެއިމަހުގެ 27 ވަނަ ދުވަހު އެހީ ބެހުމުގެ މަސައްކަތް ފެށިފަހުން، އެހީ ހޯދަން ސައިޓްތަކަށް ދިޔަ ކުޑަކުދިންނާއި، އާންމުންގެ ގަޔަށް ބަޑިޖަހައި 2000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވެއެވެ. އަދި އެތައްހާސް މީހުން ޒަޚަމްކޮށްލާފައި ވެއެވެ.
“ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” ގެ އަމިއްލަ ސެކިއުރިޓީ ގާޑުންނާއި އަދި އިސްތިއުމާރީ ސިފައިންވެސް ގެންދިޔައީ އާންމުންގެ ގަޔަށް ކޮންމެ ދުވަހަކު ބަޑިޖަހަމުންނެވެ.
އެގޮތުން، ދުވާލެއްގެ މައްޗަށް، އެވްރެޖް ގޮތެއްގައި ސައިޓްތަކުގައި 25 މީހުން ޝަހީދުކުރަމުން ގޮސްފައި ވެއެވެ.
“ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” ޣައްޒާއިން ބޭރުކުރުމަކީ، ހަނގުރާމަ ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމުގެ މަޝްވަރާތަކުގައި ހަމާސްއިން ހުށަހެޅި އެއް ޑިމާންޑެވެ.
“ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” އަކީ އެމެރިކާގެ ޔަހޫދީ މަހުޖަނުންތަކެއް ހެދި ޖަމާއަތެކެވެ. އެ ޖަމާއަތުގެ އެންމެ އިސް މީހަކީ އެމެރިކާގެ ރައީސް ޓްރަމްޕްގެ އަރިސް މީހެކެވެ.
އެ ޖަމާއަތުން ޣައްޒާގައި އިންސާނީ އެހީ ބެހުމުގެ ނަމުގައި މަސައްކަތްކުރީ މާލީ ބޮޑެތި ނަފާތަކެއް ލިބޭ ގޮތަށެވެ. އެ ޖަމާާއަތަށް އެމެރިކާ ސަރުކާރުންވެސް ފަންޑުކޮށްފައި ވެއެވެ.
ކާނޭ އެއްޗެއް ނުލިބި ހައިހޫނުކަމުގައި ތިބި ކުޑަކުދިންނާއި، އާއިލާތައް އެއްޗެއް ހޯދަން ދިއުމުން އެއްވެސް ކަނަކާނުލައި ބަޑިޖަހައި ޝަހީދުކުރާން ފެށުމުން، މިއީ އާންމުން ބޭރުތެރެއަށް ނެރި ބަޑިޖަހައި ވީހާވެސް ގިނަމީހުން ޝަހީދުކުރަން ޖެހި ދަންތުރައެއްކަން އދއާއި، މުޅި ދުނިޔެވެސް ފަހުން ގަބޫލުކުރިއެވެ.



