މިސްރުގެ ރިސޯޓް ރަށެއް ކަމަށްވާ ޝަރުމުއް ޝައިޚްގައި ބޭއްވި ޣައްޒާ “ޕީސް ސަމިޓް” އިން އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫ ނުފެނުނީ ކީއްވެގެން ކަމާމެދު އެތައް ބަޔަކު ވާހަކަ ދައްކަމުން އެބަ ގެންދެއެވެ.
ސަބަބަކީ، މި ސަމިޓަކީ އިސްރާއީލާއި ހަމާސްއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކަމުންނެވެ.
ސަމިޓަށް ހަމާސްއަށް ދައުވަތު ނުދިން ނަމަވެސް، އެންމެންވެސް ހީކުރީ، ނަތަންޔާހޫ ސަމިޓަށް އަންނާނޭ ކަމަށެވެ. އެގޮތަށް އަޑުތައްވެސް އަރައިގެންދިޔައެވެ.
ޕީސް ސަމިޓަށް ނަތަންޔާހޫއަށް ދައުވަތު ދިން ކަމަށް ރިޕޯޓްތައް ފުރަތަމަ ފެތުރުނެވެ. އަދި ނަތަންޔާހޫ ދައުވަތު ގަބޫލު ކުރި ކަމަށްވެސް ޚަބަރު ފެތުރުނެވެ.
ނަމަވެސް، ނަތަންޔާހޫގެ އޮފީހާ ހަވާލާދީ އިސްރާއީލު މީޑިއާއިން ފަހުން ރިޕޯޓްކޮށްފައިވަނީ، އިސްރާއީލުގެ “ދީނީ ބަންދަކާ ގާތްވެފައިވާތީ” އޭނާ ސަމިޓަށް ނުދާނޭ ކަމަށެވެ.
އެކަމަކު، މި ކަމާ ގުޅޭގޮތުން ނަތަންޔާހޫގެ އޮފީހުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މިސްރު ސަމިޓަށް ނަތަންޔާހޫ ނުދިއުމާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަތައް ފެތުރެމުން އެބަދެއެވެ.
އޭގެ ތެރެއިން އެއް ވާހަކައަކީ، ޕީސް ސަމިޓްގައި ބައިވެރިވެވަޑައި ގެންނެވި ބައެއް ގައުމުތަކުގެ ލީޑަރުން ނަތަންޔާހޫ އައުމާ ދެކޮޅު ހެދީ ކަމަށެވެ.
ނަތަންޔާހޫ ބައިވެރިވާނަމަ ސަމިޓަށް ދިޔަނަމަވެސް އެނބުރި ދާނީ ކަމަށް ބައެއް ލީޑަރުން ނުރަސްމީކޮށް އެމެރިކާ ސަރުކާރަށް އެންގީ ކަމަށްވެސް ވާހަކަ ދެކެވެއެވެ.
ޣައްޒާ ޕީސް ސަމިޓްގައި ބައިވެރިވެވަޑައި ގެންނެވި ބައެއް އަރަބި އިސްލާމީ ގިނަ ގައުމުތަކުގެ ވެރިންނަކީ ފާޅުގައި ނަތަންޔާހޫއާ ވަރަށް ދެކޮޅު ބޭފުޅުންނެވެ. އަދި ބައެއް ގައުމުތަކަކީ އިސްރާއީލާ ގުޅުން އެހާ ރަނގަޅު ގައުމުތަކެއް ނޫނެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއަކީ ނަތަންޔާހޫއާ ވަރަށް ދެކޮޅު ދެ ބޭފުޅުންނެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްވެސް ސަމިޓްގައި ބައިވެރިވެވަޑައި ގެންނެވިއެވެ.
މުޖުރިމު ނަތަންޔާހޫއަކީ، ޣައްޒާގައި ނަސްލުނައްތާލުމާއި، ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ އެކަށީގެންވާ ހެކި ހުރެގެން، އިންޓަރނޭޝަނަލް ކްމިރިމިނަލް ކޯޓުން ހިފައި ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ބޮޑު މުޖުރިމެކެވެ.
މިސްރަށް ދިއުމުން މިސްރުން އޭނާ ހައްޔަރު ކޮށްފާނެކަމުގެ ބިރު އޮތީކަމަށް ވެދާނެއެވެ. ނުވަތަ އެހެން ބަޔަކު އޭނާ ހައްޔަރު ކޮށްފާނެކަމުގެ ބިރަށް ނައީ ކަމަށް ވެދާނެއެވެ.
މިސްރު ސަމިޓަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އައީ އިސްރާއީލަށް ދިއުމަށް ފަހުގައެވެ.
އިސްރާއީލުގައި ޓްރަމްޕްވަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ތައުރީފްކޮށް، އޭނާގެ “ހިތްވަރަށް” ސާބަސް ދީފައެވެ.
ހަމާސްގެ އަތްދަށުން އިސްރާއީލު ގައިދީން މިނިވަން ކުރެވުމުން، އެކަމާ އުފާކޮށް، އާއިލާތަކާވެސް ބައްދަލުކޮށް ޓްރަމްޕް ވާހަކަ ދެއްކިއިރު، އިސްރާއީލުން ޣައްޒާއިން ޝަހީދުކޮށްލި ހަތްދިހަހާހާ ގާތްކުރާ އަދަދެއްގެ ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންގެ އެއްވެސް ނަމެއް ޓްރަމްޕް ނުގަނެއެވެ.
އިސްރާއީލުން ޣައްޒާގެ ރައްޔިތުން ބަނޑަށް މަރަމުންދިޔަ ވާހަކަވެސް ނުދައްކައެވެ. މުޅި ޣައްޒާގެ 90 އިންސައްތަ ބިމާހަމަކޮށްލާފައިވާ ވާހަކަވެސް ނުދައްކައެވެ.
އެމެރިކާގެ ރައީސްގެ ވާހަކައިން “ޓެރަރިސްޓުންނަކީ” ޣައްޒާގެ ރައްޔިތުންނެވެ. އިންޒާރު ދިނީވެސް ފަލަސްތީނު އާންމުންނަށެވެ.



