ހަމާސްއާއެކު ވެފައިވާ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ، ޣައްޒާއަށް އެތެރެކުރާ އިންސާނީ އެހީގެ މިންވަރު، އިސްތިއުމާރީ އިސްރާއީލުން ދެބައިކުޅަ އެއްބަޔަށް ވުރެންވެސް މަދުކޮށްފިއެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި އިސްރާއީލުން އެއްބަސްވެފައިވަނީ ދުވާލެއްގެ މައްޗަށް އިންސާނީ އެހީގެ 600 ޓްރަކް ޣައްޒާއަށް އެތެރެކުރުމަށެވެ.
އެގޮތުން، އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުންވެސް އިންސާނީ އެހީގެ ސާމާނު ޣައްޒާއަށް އެތެރެކުރަން ފެށުނީ، އިސްރާއީލުން ކުރިމަތިކުރި އެތައް ދުއްތުރާތަކަށް ފަހުގައެވެ.
ނަމަވެސް، އިސްރާއީލުން އިއްޔެ އދގެ އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތަށް އަންގާފައިވަނީ، ޣައްޒާއަށް ދެން އެތެރެ ކުރެވޭނީ ދުވާލަކު 300 ޓްރަކްގެ އެހީ ކަމަށެވެ.
ސަބަބެއް ކަމަށް ބުނީ، އެއްބަސްވިގޮތަށް އިސްރާއީލުގެ މަރުވެފައިވާ ގައިދީންގެ ހަށިތައް ހަމާސްއިން ހަވާލު ނުކުރާތީ ކަމަށެވެ.
އިސްރާއީލުގެ ގައިދީންގެ ތެރެއިން 28 މީހެއްގެ ހަށިތައް އިސްރާއީލާ ހަވާލުކުރަން ހަމާސްއިން އެއްބަސް ވެފައިވާއިރު، އޭގެ ތެރެއިން 8 މީހެއްގެ ހަށިގަނޑު މިހާތަނަށްވަނީ ރެޑް ކްރޮސްއާ ހަވާލުކޮށްފައެވެ.
ޚުދު ރެޑް ކްރޮސްއިން ވެސް ބުނެފައިވަނީ، އިސްރާއީލު ގައިދީން ތިބި ތަންތަނާ ހަވާލުވެ ތިބި ހަމާސްގެ ކޮމާންޑަރުން އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި ޝަހީދުވެފައިވާއިރު، އިސްރާއީލު ގައިދީންގެ ތެރެއިން މަރުވެފައިވާ މީހުންގެ ހަށިތައް ހުރި ތަންތަން ދެނެގަނެ، ހަށިތައް އެއްކުރަން ވަގުތު ނަގަނޭ ކަމަށެވެ.
ނަމަވެސް، ރެޑް ކްރޮސްގެ ވާހަކަތައްވެސް އިސްރާއީލުން ގަބޫލެއް ނުކުރެއެވެ.
އެގެ ބަދަލުގައި ދިމާކޮށްލީ، ކާބޯތަކެއްޗާއި އިންސާނީ އެހީ ހަނގުރާމައިގެ ހަތިޔާރަކަށް ހެދުމަށެވެ.
މިއަދު ޣައްޒާއަށް އެތެރެވެފައިވަނީ އިންސާނީ އެހީގެ އެންމެ 12 ޓްރަކެވެ.
ރަފަހް ދޮރާށި ކައިރީގައި މިސްރު ތެރޭގައި އިންސާނީ އެހީގެ ސާމާނާއިގެން އެތައްސަތޭކަ ޓްރަކެއް އެބަ ހުއްޓެވެ.
އަސްކަރީ އަދި ސިޔާސީ ބޭނުމަކަށް، ކާބޯތަކެއްޗާއި އިންސާނީ އެހީ ހަތިޔާރަކަށް ހެދުމަކީ ހަނގުރާމައިގެ ބޮޑު ޖަރީމާއެކެވެ. އެކަމުގެ ތުހުމަތު ކުރީގައި ކުރުމުން އިސްރާއީލުން އެވާހަކަތައް ދޮގުކުރަމުން ގޮސްފައި ވެއެވެ.
ނަމަވެސް، މިފަހަރު މިވަނީ، އެކަމަށް އަމިއްލައަށް އިއުތިރާފް ވެފައެވެ. މަރުވެފައިވާ ގައިދީންގެ ހަށިތައް ހަވާލުކުރުން ލަސްވާތީ ޣައްޒާއަށް އެތެރެކުރާ އިންސާނީ އެހީ މަދުކުރަން ނިންމައި އެކަން އދއަށްވެސް އެންގީއެވެ.



