އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމާ ދެކޮޅަށް މުޅި އެމެރިކާގައި ވަރުގަދަ އެއްވުންތަކާއި، ހިނގާލުންތައް ފަށައިފިއެވެ.
މިއީ، ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ ރައްޔިތުންގެ މައްޗަށް ގޮށްމުށުގެ ވެރިކަމެއް ކުރައްވާތީއާއި، އަދި ޓްރަމްޕާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ނުބަލާތީ އެކަމާ ދެކޮޅު ހެދުމުގެގޮތުން އެމެރިކާގެ ޕްރޮގްރެސިވް އޮގަނައިޒޭޝަނަކުން އިސް ނަގައިގެން ބާއްވާ އެއްވުންތަކެކެވެ. މިކަން ރޭވުމަށް އެ އޮގަނައިޒޭޝަނަށް 300 ވަރަކަށް މަދަނީ ގްރޫޕުތަކުން އެހީތެރިކަން ދީފައި ވެއެވެ.
“ނޯ ކިންގްސް” މެސެޖްގެ ދަށުން ރޭވި އެއްވުންތައް އެމެރިކާގެ ވެރިކަންކުރާ ވޮޝިންޓަން ޑީސީގެ އިތުރުން، އެމެރިކާގެ ހުރިހާ ބޮޑެތި ސިޓީތަކާއި، ކުދި ޓައުންތަކާއި އަދި ބޭރު ބައެއް ގައުމުތަކުގައިވެސް ފަށާފައި ވެއެވެ. މި ރަށްތަކުގައި 2،600 އަށްވުރެ ގިނަ އެއްވުންތައް ކުރިއަށް އެބަ ދެއެވެ.
ވޮޝިންޓަން ޑީސީގައި އެއްވުން ބާއްވާ ސަރަހައްދުގެ މަގުތަކަށް އާންމުން ނުކުމެ ފުރާލިއެވެ.
ނިއުޔޯކް ސިޓީއާއި، ބޮސްޓަން، ޗިކާގޯ އަދި އެޓްލާންޓާގެ މަގުތަކަށް ނުކުތް މީހުންގެ އަދަދު ވަރަށް ގިނައެވެ.
އެއްވުންތައް އިންތިޒާމުކުރާ ފަރާތުން ލަފާކުރާގޮތުގައި، އެމެރިކާގެ ގަޑިން ހޮނިހިރު ދުވަހުގެ ރެގަނޑާ ހަމައަށް އެއްވުންތަކުގައި ބައިވެރިވާން ނުކުންނަ މީހުންގެ އަދަދު އެތައް މިލިއަނަށް އަރައިގެންދާނެއެވެ.
އެމިހުން ބުނަމުންދަނީ، ޓްރަމްޕްގެ ދޯދިޔާ ސިޔާތުތަކުގެ އެޖެންޑާގެ ސަބަބުން، މިއަހަރުގެ ޖެނުއަރީމަހު ވެރިކަމާ އޭނާ ހަވާލުވިފަހުން އެމެރިކާ ސަރުކާރުގެ ހައިބަތު ގެއްލި، ޑިމޮކްރަޓިކް ހަމަތައް ގެއްލި ނެތެމުންދާ ކަމަށެވެ.
އެމެރިކާގެ ސިޔާސީ މައިދާނުގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން އެމެރިކާގެ ގިނަ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައެވެ. ޚާއްސަކޮށް، ސިޔާސީ ވާދަވެރިންނާ ދެކޮޅަށ ޓްރަމްޕް އަޅުއްވާ ފިޔަވަޅުތަކާއި، އަސްކަރީން ނެރެގެން ހިޖުރަވެރިން ހިފައި ހައްޔަރުކުރަމުންދިއުމާއި، އެމެރިކާގެ ސިޓީތަކަށް ނޭޝަނަލް ގާޑުން ފޮނުވަމުންދާ މައްސަލާގައި ގިނަ ބަޔަކު ތިބީ ހިތްހަމަނުޖެހިފައެވެ.
ސިޓީތަކާއި ސްޓޭޓްތަކަށް ނޭޝަނަލް ގާޑުން ފޮނުވާ ސަބަބެއް ކަމަށް ޓްރަމްޕް ބުނަނީ، ކުށްކުރުން ހުއްޓުވުމެވެ.
ސިޔާސީގޮތުން އެއްވެސް ތަޖުރިބާއެއް ނެތް މީހުން ވެރިކަމުގެ މަތީ ފަޑީގެ އެކި މަގާމުތަކަށް ލައިގެން ޓްރަމްޕް ގެންދަނީ އެކިއެކި ކަންކަން ކުރުމަށް ޕްރެޝަރ ކުރަމުންނެވެ. މީޑިއާ އަދި އެޑިއުކޭޝަން ސެކްޓަރވެސް ގެންދަނީ ފުނޑާލަމުންނެވެ.
ޓްރަމްޕާ ދެކޮޅު އެއްވުންތަކާއި، ހިނގާލުންތަކުގައި ހަމަނުޖެހުމެއް ނުހިނގައެވެ. އެހެންވެ، ފުލުހުންވެސް މާބޮޑަށް ގާތްނުވާކަމަށް މީޑިއާއިން ބުނެއެވެ.
ބައެއް ސަރަހައްދުތަކުގައި ކުރިއަށްދާ އެއްވުންތަކުގައި ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން އިމްޕީޗް ކުރުމަށްވެސް ގޮވާލަމުން އެބަ ގެންދެއެވެ. އަދި ޓްރަމްޕަކީ ޑިކްޓޭޓަރެއް ކަމަށްވެސް ގޮވަމުން ގެންދެއެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕާއި، އެނާގެ ރިޕަބްލިކަން ޕާޓީން އެއްވުންތައް ސިފަކުރަމުންދަނީ، އެމެރިކާއާމެދު ނަފުރަތު އުފެއްދުމުގެ އެއްވުންތަކެއްގެ ގޮތުގައެވެ.
މި އެއްވުންތަކާ ގުޅޭގޮތުން ޓްރަމްޕް ބުނެފައިވަނީ، އެމީހުން އޭނާއަކީ ކިންގެއް ކަމަށް ބުނަމުންދާ ކަމަށާއި، ނަމަވެސް އޭނާއަކީ ކޮންގެއް ނޫން ކަމަށެވެ.

ޓްރަމްޕާ ދެކޮޅު އެއްވުމެއް ކުރިއަށްދަނީ


