ޣައްޒާގެ އެތެރޭގައި ހަމާސްއާ ކުރިމަތިލާނެ ހަތިޔާރުއެޅި ގްރޫޕްތައް އުފެއްދުމަކީ އިސްރާއީލުން ގެންގުޅޭ ވިސްނުމެއް ކަމަށް، އިސްތިއުމާރީ އަސްކަރިއްޔާއިން އެންމެފަހުން އިއުތިރާފް ވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ އިސްތިއުމާރީ އަސްކަރިއްޔާގެ ތަރުޖަމާނެވެ.
ޣައްޒާ ތެރޭގައި ހަމާސްއާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރު އެޅި ގްރޫޕްތަކަށް އިސްރާއީލުން ތާއީދު ދެމުންގެންދޭތޯ މީޑިއާ އޮގަނައިޒޭޝަނަކުން ސުވާލު ކުރުމުން، އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނުބުނެފައިވަނީ، ޣައްޒާގެ އެތެރޭގައި ހަމާސްއާ ދެކޮޅަށް ހަރަކާތްތެރިވާނެ ގްރޫޕްތައް އުފެއްދުމުގެ ވިސްނުން އިސްރާއީލުން ގެންގުޅޭ ކަމަށެވެ.
ހަމަލާތައް ހުއްޓާލުމަށް އިސްރާއީލާއެކު ވެވުނު އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ހަމާސްގެ ސަލާމަތީ ބާރުތަކުން ގެންދަނީ ރަށުތެރެއަށް ނުކުމެ، ހަނގުރާމަވެރި ގްރޫޕްތަކުގެ މީހުން ފަހައި އަތުލަމުންނެވެ. އަދި އެ ގްރޫޕްތަކުގެ މީހުން ހައްޔަރުކޮށް މަގުމައްމަތީގައި ބޮލަށް ބަޑިޖަހައި މަރަމުންވެސް ގެންދެއެވެ.
ހަމާސްއިން ބުނަމުން ގެންދަނީ، ހަތިޔާރު އެޅި މި ގްރޫޕްތަކުގެ މީހުންނަކީ ޣައްޒާގެ ސަލާމަތަށް ނުރައްކާކުރާ ބައެއް ކަމަށެވެ.
މި ގްރޫޕްތަކަކީ އިސްރާއީލުން ހަތިޔާރު ދީގެން އަދި އިސްރާއީލުން ކަބޯތަކެއްޗާއި އެނޫންވެސް އެހީތެރިކަން ފޯރުކޮށްދީގެން ޣައްޒާ ތެރޭގައި ހަރަކާތްތެރިވާ ގްރޫޕްތަކެވެ.
ހަމާސްއިން ބުނެފައިވަނީ، މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި މި ގްރޫޕްތަކުން އިސްތިއުމާރީ ސިފައިންނާ ގުޅިގެން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމަށެވެ.
އޭގެ އިތުރުން، ހަމާސްގެ މުޖާހިދުން ފިލާތިބޭ ތަންތަން ދުޝްމަނުންނަށް ބުނެދީ، އަދި އާންމުން މެރުމުގައިވެސް މި ގްރޫޕްތައް އަމަލީގޮތުން ބައިވެރި ވެފައިވާ ކަމަށް ހަމާސްއިން ބުނެއެވެ.
މި ގްރޫޕްތައް އެންމެ ބޮޑަށް ހަރަކާތްތެރިވަނީ ގާޒާ ސިޓީގެ އިރުމަތީ ފަޅީގައާއި، ޣައްޒާގެ ދެކުނުން ރަފަހްގައެވެ.
ރަފަހްގައި އިސްރާއީލު ސިފައިންނަށް ހަމާސްއިން ހަމަލާދީގެން އުޅޭކަމަށް އިސްރާއީލުން ފަތުރަމުންގެންދާ ދޮގު ވާހަކަތަކަކީވެސް، ހަތިޔާރު އެޅި ގްރޫޕްތަކާއި ހަމާސްއާ ދެމެދު ރަފަހްގައި ހިނގި ކުރިމަތިލުންތަކެއްގެ ވާހަކައެވެ.
ހަތިޔާރުއެޅި ގްރޫޕްތައް ދިފާއުކުރަން އެދެމެދަށް އިސްރާއީލު ސިފައިން ވަދެގަތީ ކަމަށް މީޑިއާ ރިޕޯތްތައް ބުނެއެވެ.
ޣައްޒާއަށް އެތެރެކުރާ އިންސާނީ އެހީގެ ގިނަ ޓްރަކްތައް ފޭރިގަނެގެން ގެންގޮސްފައިވަނީވެސް، އިސްރާއީލު ވާގިވެރިވާ މި ގްރޫޕްތަކުންނެވެ.
އިންސާނީ އެހީގެގޮތުގައި ޣައްޒާއަށް އެތެރެކުރާ ޓްރަކްތައް ފޭރިގަނެ އަދި ބައެއް އެހީގެ ސާމާނު އިސްރާއީލު ސިފައިންނަށް ތަކެތި އުފުލާ ވެހިކަލްތަކުގައިވެސް އުފުލައިދޭ ކަމަށް ރިޕޯޓްތައް ބުނެފައި ވެއެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، އިސްތިއުމާރީ ސިފައިން ފައިބައިގެންދިޔަ ހުރިހާ ހިސާބަކަށް ހަމާސްގެ ސަލާމަތީ ބާރުތައް ނުކުމެ ކޮންޓްރޯލް ނަގާފައި ވެއެވެ. އަދި ދުޝްމަނުންނަށް އެހީތެރިވި އެންމެން ހޯދައި ގެންދަނީ އަދަބު ދެމުންނެވެ.
ހަމާސްގެ ވެރިންނާއި، ކޮމާންޑަރުން ތިބޭ ތަންތަނާއި އަދި އިސްރާއީލު ގައިދީން ފޮރުވާފައި ތިބި ތަންތަނާބެހޭ މައުލޫމާތު ހޯދުމަށް އިސްރާއީލުން ޣައްޒާގެ އާންމުންނަށް ފައިސާގެ ބޮޑެތި އިނާމުތައް ހުށަހަޅަމުން ގޮސްފައި ވެއެވެ. ނަމަވެސް، އިސްތިއުމާރުންގެ އެ މަސައްކަތް ކާމިޔާބެއް ނުވިއެވެ. ޣައްޒާގެ އާންމުން ފައިސާއަކަށް ނުހެއްލުނެވެ.
ޣައްޒާގެ ރައްޔިތުންގެ ތެރެއިން ބައެއްގެ ބޮލަށް ކޮންމެވެސް ގޮތަކުން އެރި، ހަތިޔާރާއި، ކާބޯތަކެތި އަދި މިލިއަނުން ފައިސާދީގެން ގްރޫޕްތަކެއް ނެރުނީ، ހަމާސްއާ ދެކޮޅަށް ބަޔަކު ނެރެ ޣައްޒާ ތެރޭގެ ހަމަޖެހުން ނަގާލުމަށެވެ. ޣައްޒާތެރޭގައި ދާޚީލީ ހަނގުރާމައެއް ފެށުމަށެވެ.
އެމެރިކާވެސް މިކަމުގައި ބައިވެރިވާކަން އެނގިގެންދަނީ، އެމެރިކާގެ ޚާރިޖިއްޔާއިން މިއަދު ނެރުނު ބަޔާނުންނެވެ.



