ފާޅުގައި އެއްޗެއް ބުނާން ނުކެރި، ސިއްރިއްޔާތުގައި އިސްރާއީލަށް “ބަވާއަޅަނީ”

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ ދުނިޔެ

އެމެރިކާގެ ރައީސްކަމާ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ހަވާލުވެ، މެދުއިރުމައްޗަށް ކުރި ދަތުރުގައި ޑޮނަލްޑް ޓްރަމްޕް އިސްރާއީލަށް ނުދިޔައީވެސް އެކަހަލަ ކަމަކާ ހިތްހަމަ ނުޖެހިގެންނެވެ. އެއީ، އެ ދަތުރުގައި ޓްރަމްޕް ކުރަންވާ ކަންތަކާއި ނުކުރަންވާ ކަންތައް ބުނެދޭން ނަތަންޔާހޫ މަސައްކަތް ކުރުމުންނެވެ.

އެކަމަކު، މެދުއިރުމަތީގެ މައްސަލާގައި އެމެރިކާގެ ރައީސް އަމަލުކުރަނީ ނަތަންޔާހޫ ބުނާގޮތަށްކަން އެއީ ފާޅުގައި އެނގޭ ކަމެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނަތަންޔާހޫ ކުރިންވެސް އަދި ފަހުންވެސް ބުނެފައިވަނީ، އެމެރިކާގެ ރައީސް ކަމުގައި މިހާރު ހުރި ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ސަރުކާރުވެސް ކޮންޓްރޯލް ކުރަނީ އިސްރާއީލުންނެވެ. އެ ވާހަކަތަކާ ޓްރަމްޕް ދެކޮޅު ހެދި ނަމަވެސް، އެއީ ހަގީގަތްކަން އެމެރިކާގެ މިހާރުގެ ސިޔާސީ މައިދާނަށް ބެލުމުން ވަރަށް ސާފުކޮށް އެނގެއެވެ. ޔަހޫދީންގެ ނުފޫޒު އެމެރިކާގެ ވެރިކަމަށް އޮންނަ ވަރު އެމެރިކާގެ ޕާލަމެންޓުގެ ދެގެއަށް ބަލާލުމުންވެސް އެއޮތީ ފެންނާށެވެ.

އެހެން ނަމަވެސް، އިސްރާއީލާހެދި އެމެރިކާގެ ގާތް އެކުވެރި ގައުމުތަކާ ޖެހިގަނެ، އެކަމުގެ ގެއްލުން އެމެރިކާއަށް ލިބޭކަށް އެމެރިކާ ސަރުކާރުވެސް އަދި ޚުދު ޓްރަމްޕްވެސް ބޭނުމެއް ނުވެއެވެ. ޚާއްސަކޮށް މެދުއިރުމަތީގެ މުއްސަނދި ގައުމުތަކަކީ އެމެރިކާއަށް ހުރިހާ ގޮތަކުންވެސް މުހިންމު ގައުމުތަކެވެ.

އެހެންވެ، ބައެއް ފަހަރު ރައީސް ޓްރަމްޕް، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ސިނގުރުޅި ބާލައެވެ. އަދި ގަދަ އަމުރުވެސް ކުރެއެވެ. އެވެނި މިވެނި ގޮތަކަށް ކަންކުރަން އަމުރުވެސް ކުރެއެވެ.

30 ވަރަކަށް އަހަރުފަހުން އެމެރިކާއިން ހަމާސްއާކު ސީދާ ވާހަކަތައް ބޭއްވުމުންވެސް އިސްރާއީލު ވަރަށް ރުޅިއައެވެ. ބުނީ، އިސްރާއީލުގެ ހުއްދަ ނުހޯދައި އަދި އިސްރާއީލަށް ނާންގައި އެފަދަ ވާހަކަތައް ބާއްވައިގެން ނުވާނޭ ކަމަށެވެ. ޖަވާބުގައި އެމެރިކާއިން ބުނީ، އެމެރިކާއިން ވާހަކަ ދައްކަވީ ބަޔަކާއި ނުދައްކަންވީ ބަޔަކު އިސްރާއީލަށް ކަނޑަނޭޅޭނޭ ކަމަށާއި، އެއީ އިސްރާއީލާ ބެހޭކަމެއް ނޫން ކަމަށެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފެށި ހަނގުރާމައަށް ދެއަހަރުވީ ފަހުން ޓްރަމްޕް ހުށަހެޅި ޕްލޭނަކަށް ހަމަލާތައް ހުއްޓުވައި، ޓްރަމްޕް ބުނެފައިވަނީ ދެން ޣައްޒާއަށް ހަމަލާ ނުދޭނޭ ކަމަށާއި، ހަނގުރާމަ ދާއިމަށް ހުއްޓުނީ ކަމަށެވެ.

ނަމަވެސް، އެއްބަސްވުމަށް އަމަލުކުރަން ފެށިތާ ދިހަދުވަސްވެސް ނުވަނީސް އިސްރާއީލުން މިވަނީ ޣައްޒާގެ އެތަން މިތަނަށް ވައިގެ ހަމަލާދީ، ބޮޑުބަޑީގެ ހަމަލާދީ އަދި ބަޑިޖަހައިވެސް އެތައް ބަޔަކު ޝަހީދުކޮށްލާފައެވެ. އެކަން ކުރި ސަބަބެއް ކަމަށް ނަތަންޔާހޫ ބުނީ، ހަމާސްއިން އެއްބަސްވުމާ ޚިލާފްވުމުންނެވެ. އެކަމަކު، ހަމާސްއިން އެ ވާހަކަ ދޮގު ކުރެއެވެ.

އިސްރާއީލުން ޣައްޒާއަށް އަލުން ވައިގެ ހަމަލާތައްދީ އާންމުން ޝަހީދުކުރަން ފެށުމުން ދުނިޔެއިން ކަންބޮޑުވުން ފާޅުކުރަން ފެށިއެވެ. އެއްބަސްވުން ހެދުމަށް ޓްރަމްޕަށް އެހީތެރިވި ގައުމުތަކުން ގުޅައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޓްރަމްޕަށް އެންގިއެވެ.

މައްސަލަ ހައްލުކުރުމަށް ޓްރަމްޕަށް ޖެހުނީ އަވަސް އަވަހަށް އޭނާގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޮފާއި، ރިޔާސީ މުޝީރު އަދި ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކުޝްނަރ އިސްރާއީލަށް ފޮނުވާށެވެ.

ޓްރަމްޕްގެ ވާހަކަތަކުންވެސް އަދި އެމެރިކާގެ މީޑިއާގައި ހުރި ވާހަކަތަކަށް ބަލާއިރުވެސް އެއްބަސްވުމާ ޚިލާފްވުމުގައި ގޯސް ހަދާފައިވަނީ ހަމާސްއެވެ. ހުރިހާ ޒިންމާއެއް އަޅުވާފައިވަނީ ހަމާސްގެ ބޮލުގައެވެ.

ހަމާސްއަށް އަނެއްކާވެސް ވަރުގަދަ އިންޒާރުތަކެއް ދެމުން ޓްރަމްޕް ބުނެފައިވަނީ، ހަމާސްއިން އެއްބަސްވުމާ އެއްގޮތަށް ކަންތައް ނުކޮށްފިނަމަ، ހަމާސް “ވުޖޫދުން ފޮހެލަންޖެހިދާނެ” ކަމަށެވެ.

މިއީ، ޓްރަމްޕް މީޑިއާގެ ކުރިމަތީގައި ދެއްވި ވާހަކަތަކެވެ. ފާޅުގައި ހަމާސްއަށް އިންޒާރުދީ ހަމާސް ގޯސްކުރީއެވެ.

އެކަމަކު، މީޑިއާއަށް ނޭނގި، ސިއްރިއްޔާތުގައި އިސްރާއީލަށް “ބަވާއަޅާލިކަން” ހާމަވެފައި ވެއެވެ. ވަރަށް ބޮޑަށް ހިތްހަމަނުޖެހި ހުރެ ޓްރަމްޕް އިސްރާއީލަށް ނުރުހުން ފާޅުކޮށްފައި ވެއެވެ.

މަރުވެފައިވާ ގައިދީންގެ ހަށިތައް ހަވާލުކުރުމުގައި ހަމާސް ވަރަށް ލަސްކަމަށް ބުނެ އިސްރާއީލުން ކުރަމުންދާ ޝަކުވާތަކަށްވެސް ޓްރަމްޕް ރައްދު ދީފައި ވެއެވެ. ޓްރަމްޕް ބުނި ކަމަށްވަނީ، ޣައްޒާ އޮތް ހާލަތުން ގައިދީންގެ ހަށިތައް ހަވާލުކުރުން އެހާ ފަސޭހަ ނުވާނޭކަން އިސްރާއީލަށްވެސް އެނގެން ޖެހޭނޭ ކަމަށެވެ.

ޣައްޒާ ސުންނާފަތި ކޮށްލާފައިވަނީ އިސްރާއީލުން ކަމާއި، އެކަމުގެ ޒިންމާ އުފުލަންޖެހެނީވެސް އިސްރާއީލުކަން، އިސްރާއީލުގެ ވެރިން ދަންނަން ޖެހޭނޭ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

އަދި، ގައިދީންގެ ހަށިތައް ހަވާލުކުރުން ލަސްވުމަކީ ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން ފަސްކުރަން އިސްރާއީލަށް ދެއްކޭނޭ ހުއްޖަތެއް ނޫން ކަމަށްވެސް ޓްރަމްޕް އިސްރާއީލަށް އަންގާފައިވާ ކަމަށް، ކަށަވަރު މަސްދަރުތަކުން ހާމަކޮށްފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ