އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް – އައިސީޖޭއިން އިސްރާއީލާ ދެކޮޅަށް ނިންމި ނިންމުމަކީ “ކޮރަޕްޓް” ނިންމުމެއް ކަމަށް އެމެރިކާ ސަރުކާރުން ބުނެފިއެވެ.
އެމެރިކާ ސަރުކާރުން މިފަދައިން ބުނީ، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުވާފައިވާ މައްސަލައާއި، ޣައްޒާގެ އާންމުން ބަނޑަށްޖެއްސުމުގެ ސިޔާސަތާ ގުޅޭގޮތުން ކޯޓަށް ހުށަހެޅުނު މައްސަލަތައް ބެލުމަށްފަހު ނިންމި ނިންމުމާ ގުޅިގެންނެވެ.
އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ ނިންމުމުގައި ބުނެފައިވަނީ، ޣައްޒާގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދިޔަ ފަލަސްތީނު ރެފިއުޖީންނާބެހޭ އދގެ އެޖެންސީއާއި އަދި އެނޫން އޭޖެންސީތަކުގެ މަސައްކަތް ހުއްޓުވަން އިސްރާއީލުން ދެއްކީ ސާބިތުނުހިފޭ ތުހުމަތުތަކެއް ކަމަށެވެ. ހަމަ އެއާއެކު، ޣައްޒާގެ ރައްޔިތުން ބަނޑަށްޖެއްސުމުގެ ހައްގެއް އިސްރާއީލަށް ލިބިގެން ނުވާ ކަމަށްވެސް ކޯޓުން ކަނޑައަޅާފައި ވެއެވެ.
ކޯޓުގެ ނިންމުމަށް ރައްދު ދެމުން އެމެރިކާ ސަރުކާރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އައިސީޖޭގެ ނިންމުމަކީ، އިސްރާއީލާ ދެކޮޅަށް އެ ކޯޓުން “އަނެއްކާވެސް ނިންމި ކޮރަޕްޓް ނިންމުމެއް” ކަމަށެވެ.
އައިސީޖޭއަކީ ވަކި ފަރާތަކަށް ޖެހިގެން މަސައްކަތްކުރާ ބައެއް ކަމަށާއި، މިއީ އެމެރިކާ ރައްޔިތުންނާ ދެކޮޅަށްވެސް ބޭނުންކޮށްފާނެ ހަތިޔާރެއް ކަމަށް ބުނެފައި ވެއެވެ.
އެމެރިކާއަކީވެސް، އިސްރާއީލު ބުނާހާ ބަހެއް އަހައިގެން އޮންނަ ގައުމެކެވެ. އޮކްޓޫބަރު 7 ގައި އިސްރާއީލަށް ހަމަލާ ދިނުމުގައި ހަމާސްއާއެކު ފަލަސްތީނު ރެފިއުޖީންނާބެހޭ އދގެ އޭޖެންސީ – އަންރުވާގެ މުވައްޒަފުން ބައިވެރިވާ ކަމަށް އިސްރާއީލުން ބުނުމުން އެކަން އެންމެ ފުރަތަމަ ގަބޫލުކުރި ގައުމަކީވެސް އެމެރިކާއެވެ.
އިސްރާއީލުން ބައިނަލްއަގްވާމީ އިންސާނިޔަތުގެ ގާނޫނުތަކާ ޚިލާފްވުމާއި، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތައް ތަހްގީގު ކުރާތީ، ފެށުނީއްސުރެ އެކަން ކުށްވެރިކޮށް އައިސީޖޭއާ ދެކޮޅަށް އެމެރިކާއިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
އިސްރާއީލުން ފަލަސްތީނުގެ ބިންތައް އިސްތިއުމާރު ކޮށްގެން އޮތް އޮތުމަކީ ޣައިރުގާނޫނީ އަމަލެއް ކަމަށާއި، އިސްތިއުމާރަށް ވަގުތުން ނިމުން ގެނައުމަށް ގޮވާލަން މިދިޔަ އަހަރު ކޯޓުން ނިންމި ނިންމުމުގެ ޝަރީއަތުގައި، އެކަމަށް ގޮވާލައިގެން ނުވާނޭ ކަމަށް ކޯޓުގައި ވަކާލާތު ކުރި އެކަކީ އެމެރިކާ ސަރުކާރުގެ ފަރާތުން މައްސަލައިގެ ތެރެއަށް ވަން އެމެރިކާ ގާނޫނީ ވަކީލެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލުނައްތާލުމުގެ ޖަރީމާތަކެއް ކަމަށް ސާބިތުވާ މިންވަރަށް ހެކި ލިބުމުން މުޖުރިމު ނަތަންޔާހޫ ހައްޔަރުކުރަން ދުނިޔޭގެ އެންމެ މަތީ ކޯޓު ކަމަށްވާ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު އަމުރު ނެރުމުން އެމެރިކާއިންވަނީ ރުޅިއައިސް، ކޯޓުގެ ފަނޑިޔާރުނާއި މުވައްޒަފުންނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައި އަދި ކޯޓަށްވެސް ދަތިކޮށްފައެވެ.



