މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީ އދ. ގެ ޓޫރިޒަމް އޯގަނައިޒޭޝަން، ޔޫއެންޓީއޯގެ އެފިލިއޭޓް މެންބަރުންގެ ބޯޑަށް އިންތިޚާބުވެއްޖެއެވެ.
2026 ވަނަ އަހަރުން ފެށިގެން 2029 ވަނަ އަހަރާ ހަމައަށް ހިނގާ ދައުރަކަށް މަޓީއަށް ލިބުނު މި މަގާމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް މަޓީން ފާހަގަކުރެއެވެ.
މަޓީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މި ބައިނަލްއަޤްވާމީ ބޯޑުގައި ހިމެނުނު ފުރަތަމަ ޖަމްޢިއްޔާއެވެ. މަޓީއަށް ޔޫއެންޑަބްލިޔުޓީއޯގެ އެފިލިއޭޓް މެންބަރުކަން ލިބިފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވި ޔޫއެންޑަބްލިޔުޓީއޯގެ 23 ވަނަ އާންމު މަޖިލީހުންނެވެ.
ޔޫއެންޓީއޯގެ އެފިލިއޭޓް މެންބަރުންގެ ބޯޑުން މަޓީއަށް ލިބިފައިވަނީ ދެކުނު އޭޝިއާއަށް ދޫކުރި ސަރަހައްދީ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއެވެ. އަދި މި ބޯޑުގައި މަޓީ ތަމުސީލުކުރާނީ އެ ޖަމްޢިއްޔާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އައްސަދު އަލީއެވެ.
ޔޫއެންޓީއޯގެ އެފިލިއޭޓް މެންބަރުންގެ ބޯޑަކީ އިންތިހާބީ 20 މަގާމެއް ހިމެނޭ ބޯޑެކެވެ. މި ބޯޑު އެކުލަވާލާފައިވަނީ ބައިނަލްއަގްވާމީ 6 ސަރަހައްދުން 12 ރީޖަނަލް މެންބަރުންނާއި، 8 ގްލޯބަލް މެންބަރުން ހިމެނޭ ގޮތަށެވެ.
ޔޫއެންޓީއޯގެ އެފިލިއޭޓް މެންބަރުންގެ ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެ ބޯޑުގެ ޕްލެނަރީ ސެޝަންތަކުގެ އިދާރީ އަދި ފަންނީ ނިންމުންތައް ނިންމުން ހިމެނެއެވެ. މީގެ އިތުރުން، އެފިލިއޭޓް މެމްބަޝިޕްގެ މަސައްކަތުގެ ޕްރޮގްރާމާ އަހަރީ މަގުސަދުތަކާ ބެހޭ އިސްތިރާޖީ ލަފާ ދިނުމާއި، އެފިލިއޭޓް މެންބަރުންގެ ޕްރޮގްރާމް އޮފް ވޯކްއާ ބެހޭ ގޮތުން ސެކްރެޓަރީ ޖެނެރަލަށް ލަފާ ދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން، އެފިލިއޭޓް މެންބަރުކަމާ ގުޅޭ އިސްތިރާޖީ ކަންކަމުގައި ލަފާދިނުމާއި، ކޮމިޓީން ހަވާލުކުރާ މަސައްކަތްތައް ކުރުންވެސް ހިމެނެއެވެ.


