ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރ ޓާމިނަލް، ޓާމިނަލް 1 އިން ވާޖިން އެޓްލާންޓިކް އަށް ޚިދުމަތް ދޭން ފަށައިފިއެވެ
.ޓާމިނަލް 1 އިން ވާޖިން އެޓްލާންޓިކްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ. މި ރަސްމިއްޔާތުގައި ވާޖިން އެޓްލާންޓިކްގެ އެއާޕޯޓް މެނޭޖަރު އާސިމް ޝައިހް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެ ވަޑައިގަންނަވާފައި ވެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާޖިން އެޓްލާންޓިކްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 24 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ވާޖިން އެޓްލާންޓިކްގެ ފުރަތަމަ ފްލައިޓް VS384 އިން ރާއްޖެ އައި 258 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ވާޖިން އެޓްލާންޓިކް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިނގިރޭސި ވިލާތުގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ 23 އޮކްޓޫބަރު 2023 ގައެވެ. ޓާމިނަލް 1 އިން އިއްޔެ ވަނީ އިނގިރޭސި ވިލާތުގެ ގައުމީ އެއާލައިން, ބްރިޓިޝް އެއާވޭސް އަށްވެސް ހިދުމަތް ދޭން ފަށައިފައެވެ.
ވާޖިން އެޓްލާންޓިކް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 14 އެއާލައިނަކަށް ހިދުމަތް ދެމުން ދާކަމަށާއި، އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމުގައި އެމް.އޭ.ސީ.އެލް އިން ބުނެފައި ވެއެވެ.


