ހުޅުމާލެ ފޭސް 3 ގައި ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި ޑޮލަރުތަކަކާއި އެހެނިހެން ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 2:40 ހާއިރު ހުޅުމާލެ ފޭސް 2 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، ބިދޭސީން ދިރިއުޅޭ ސައިޓަކުން ވައްކަންކޮށްގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި މައުލޫމާތު ލިބުމުން ފުލުހުން އެ ސައިޓަށް ގޮސް މައުލޫމާތު އޮޅުންފިލުވިއިރު ދަބަހެއް ވަގަށް ނަގާފައިވާކަމާއި އެ ދަބަހުގައި 20000 ޑޮލަރު ހުންނާނެ ކަމަށާއި އަދި އެހެނިހެން ތަކެތި ވެސް ވަގަށް ނަގާފައިވާކަމަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައުލޫމާތު ލިބުމުން ފުލުހުން އެ ސަރަހައްދު ބަލައިފާސްކުރަމުން ދިޔައިރު 20000 ޑޮލަރާއެކު އެ ދަބަހާއި ވޮލެޓުތަކަކާއި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތި ފެނިފައިވަނީ ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައި ކަމަށްވާއިރު، މި ތަކެތި މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


