ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
މި މަޝްރޫއަކީ 33.1 މިލިއަން ރުފިޔާގެ އަގަކަށް ޑިސެމްބަރު 29، 2019 ގައި އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިއަދު އެމްޓީސީސީގެ ޓީމާއި މެޝިނަރީ ޕްރޮޖެކްޓް ސައިޓަށް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.
ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 27،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 378 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެ އެވެ.
އޭގެ އިތުރުން 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނެ އެވެ.


