ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ހެކްކޮށް ކްރިޕްޓޯ ކަރަންސީގެ ވިޔަފާރިއާ ގުޅޭ ސައްހަ ނޫން މައުލޫމާތުތަކެއް ބްރޯޑްކާސްޓްކުރުމުން ޔޫޓިއުބުން އެ ޗެނަލް ރިމޫވްކުރިތާ މަހެއްހާ ދުވަސް ފަހުން އަލުން އެޗެނަލް ޔޫޓިއުބުން ފެންނަ ގޮތް ހަދައިފިއެވެ.
ޔޫޓިއުބް ޗެނަލް ރިކަވާކުރިއިރު އެޗެނަލްއިން އެންމެ ފަހުން ބްރޮޑްކާސްޓް ކުރި ކްރިޕްޓޯ ކަރަންސީގެ ވީޑިއޯ ފިޔަވައި އެހެން ހުރިހާ ވީޑިއޯއެއް ވެސް ފެންނަން އެބަހުއްޓެވެ.
ރައީސާއި ނައިބު ރައީސް އަދި ފަސްޓްލޭޑީ ބައިވެރިވެވަޑައިގަންނަވާ އިވެންޓްތައް ބްރޯޑްކާސްޓްކުރާ ޔޫޓިއުބް ޗެނަލް ހެކްކުރީ ރައީސް ޑރ.މުހައްމަދު މުއިއްޒު މ.އަތޮޅަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވަނިކޮށެވެ.
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލްއަކީ ރައީސް ނަޝީދުގެ ވެރިކަމުގެ ބައެއް އިވެންޓްތަކުން ފެށިގެން އޭގެފަހުން ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންގެ ހުރިހާ އިވެންޓެއްގެ ވީޑިއޯ ފެންނަ ޗެނަލްއެކެވެ. އެހެންކަމުން އެއީ ރައީސުންގެ ވީޑިއޯ އާއްމުކޮށް ފެންނަ ރާއްޖޭގެ އެންމެ ބޮޑު އާކައިވްއެވެ.


