ދައުވާ ނުކުރާ މައްސަލަތަކުގެ ލިޔުން ނައްތާލުމުގެ ކުރިން ޕީޖީގެ ލަފާ ހޯދަން އަންގައިފި

ޚަބަރު ފަހުގެ

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ނައްތާލުމުގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސްގެ ލަފާ ހޯދަން ދިވެހި ފުލުހުންގެ ހިދުމަތަށް އަންގައިފިއެވެ.

ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް ދާދި ފަހުން ގެނައި އިސްލާހުގައި، ދައުވާ ނުކުރެވޭނެކަމަށް ޕީޖީ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް، އެ ނިންމުން ނިންމާ ތާރީޚުން ފެށިގެން އެއް އަހަރުތެރޭގައި ނައްތާލެވިދާނެ ހާލަތްތަކާއި އިޖުރާއަތްތަކެއް ބަޔާންކޮށްފައިވާ ކަމަށް، ޕީޖީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ބަޔާނުގައި އިތުރަށް ބަޔާންކޮށްފައި ވަނީ، އެ އޮފީހުން ޖިނާއީ ދައުވާ ނުކުރެވޭނެކަމަށް ނިންމާ މައްސަލަތަކުގެ ލިޔެކިއުންތަކުގެ އަސްލު، ޖިނާއީ އެހެން ދައުވާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ހާލަތްތަކެއް ގާނޫނުގައި ވާކަމަށެވެ. އަދި އެކަންކަމަށް ރިއާޔަތްކޮށް، ދަޢުވާ ނުކުރެވޭނެކަމަށް ޕީޖީން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް ރައްކާތެރިކުރުމާއި، ނައްތާލުމާ ގުޅޭ އިރުޝާދެއް ތަޙުގީގީ އިދާރާތަކަށް ފޮނުވުމަށްޓަކައި އެ އޮފީހުން އެކުލަވާލަމުންދާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި މީގެ އިތުރުން، އެ އިރުޝާދު އެކުލަވާލައި ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރެވެންދެން، ޕީޖީ އޮފީހުގެ ލަފާ ލިޔުމުން ހޯދައިގެން މެނުވީ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިއުންތަކުގެ އަސްލު ނައްތާނުލުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި މިއަދު ދަންނަވާފައި ވާ ކަމަށްވެސް އެ ބަޔާނުގައި ހާމަކުރައްވާފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ